MTCC

ޖިންސީގޯނާގެ މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

large_179292227458tOe5

ޖިންސީގޯނާގެ މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

SHARE

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަންހެނަކާއި އެކި އުމުރުފުރާގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނުވަ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރެވުނު މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އަޕާ ސައުތު ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގައި، 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ވަނީ ރިޕޯޓުކުރެވިފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔުމުގެ ތެރެއިން، ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމުގެ ތުހުމަތުތައް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ތުހުމަތުކުރެވޭ ނުވަ މީހަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށް ހާއްސަ އިސްކަމެއް ދީ، މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ފޮނުވައި، މިހާރު އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ފުލުހުން މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ހެކިބަސް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ:

  1. މުހައްމަދު މައިސަން ޝިޔާޒު (21 އަހަރު)
  2. އަހުމަދު އިފްތިޝާމް ޒަރީރު (24 އަހަރު)
  3. ނަޖުމުﷲ ހަސަން (35 އަހަރު)
  4. އާޒިމް މުފީދު (24 އަހަރު)
  5. އަލީ ހުޒާމް ސައީދު (31 އަހަރު)
  6. މުހައްމަދު ސޯލިހު އަހުމަދު (26 އަހަރު)
  7. އަހުމަދު ނޫހު ނިޔާޒު (20 އަހަރު)
  8. މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20 އަހަރު)
  9. އަހުމަދު ސާނިޖު ސޯދިގު (32 އަހަރު)އެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރެވޭ މިންވަރު ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް ވެސް 223 އެފަދަ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ.