MTCC

މާލެއާއި ކަރާޗީއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

images

މާލެއާއި ކަރާޗީއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

SHARE

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ޤާއިމުކުރުމަކީ ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ވައިގެ ދަތުރުތައް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށާއި މި ޚިދުމަތުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، ވިޔަފާރިއާއި ފަތުރުވެރިކަމުގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ޖަޒީރާ ޤައުމަކަށް ވުމުން ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ހަރުދަނާ ނިޒާމުތަކެއް އޮތުމަކީ ރާއްޖޭގެ އިޤްތިޞާދީ މައިނާރު ކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، މޯލްޑިވިއަންގެ ދަތުރުތަކުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ސީދާ ކަނޑުމަގުން މުދާ އުފުލޭނެ ވިޔަފާރި މަގުތައް ހޯދައި، އެކަމުގައި ޙަރަކާތްތެރިވުމަށް ޝިޕިންގ އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް ވެސް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

މި ފޯރަމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސްޔާ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި މަޝްވަރާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ދޭދޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރާއްޖޭގެ ބާޒާރަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުންގެ މާކެޓެއް ނޫން ކަމަށާއި، އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ބޮޑު މާކެޓެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހީ ދާއިރާ، އިޔާދަކުރަނިވި ހަކަތަ، އަދި އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގައި އިންވެސްޓް ކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ.

މީގެއިތުރުން ވޭތުވެދިޔަ 60 އަހަރުގެ ދިގު ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ ވިޔަފާރިވެރިން ގުޅިގެން ކުރިއަށް އޮތް 60 އަހަރަކީ އިޤްތިޞާދީ ގޮތުން ފާގަތި، ތަނަވަސް ދުވަސްތަކަކަށް ހެދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.