ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެ ގައުމުގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ފައިސަލް މިސްކިތް" އަށް ޒިޔާރަތްކުރައްވައިފިއެވެ.
އެދެކަނބަލުން މި މިސްކިތަށް ޒިޔާރަތްކުރެއްވީ ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އިސްލާމްއާބާދުގައި ހުންނަ ފައިސަލް މިސްކިތަކީ އޭގެ ހިތްގައިމު އަދި ތަފާތު ފަރުމާއާއި، އިސްލާމީ ތާރީޚީ އަދި ދީނީ މުހިންމުކަމުގެ ސަބަބުން މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފާހަގަކޮށްލެވޭ ބިނާއެކެވެ.
ފައިސަލް މިސްކިތުގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން މޮނިއުމަންޓަށްވެސް މިއަދު ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ މޮނިއުމަންޓަކީ އެ ގައުމުގެ އެއްބައިވަންތަކަމާއި، ތާރީޚާއި، އަދި ސަގާފީ ތަރިކަ ރަމްޒުކޮށްދޭ މުހިންމު ބިނާއެއްކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ފޯކް އެންޑް ޓްރެޑިޝަނަލް ހެރިޓޭޖް (ލޮކް ވިރްސާ) އަށް ޒިޔާރަތްކުރައްވައި، އެ ގައުމުގެ މުއްސަނދި ސަގާފީ ތަރިކައާއި، ސަގާފީ ފަންނުވެރިކަމާއި، އަދި ތަފާތު ސަގާފީ ހަރަކާތްތައް ބައްލަވާލައްވާފައެވެ.

މި މަހުގެ 22 ގެ ނިޔަލަށް ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިޔަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް އައު ހަރުފަތަކަށް ގެންދިއުމެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީ 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ތަޢުލީމީ، ސިއްޙީ، ދަތުރުފަތުރު އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ދެފަރާތަށް ވެސް ފައިދާހުރި ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މުހިންމު ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދިވެހި ދައުލަތުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.