ވިލިމާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އަތުލައިގަތް މަޝްހޫރު ތިން ފިލްމީ ތަރިން ހިމެނޭހެން ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު، އެމީހުން ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި މި މަހުގެ 8 ވަނަ ދުވަހު ވިލިމާލޭ ގެއަކުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ އަޙްމަދު އަޒްމީލާއި، އިސްމާޢީލް ޖުމައިހު، މުޙައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލުގެ ކޮއްކޮ ޝާހިލް މުޙައްމަދެވެ. މި ހަތަރު މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. އަދި ތަހުގީގު ނިމިފައިވާތީ އޭގެތެރެއިން ތިން މީހަކު މިހާރު ދޫކޮށްލާފައިވާއިރު، ބާކީ ހުރި މީހާ ވެސް މިއަދުގެ ވަގުތެއްގައި މިނިވަންކުރާނެ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން، ޝަރީއަތުގެ މަރުހަލާގައި އެމީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިނަމަ، އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
މި އޮޕަރޭޝަނުގައި ފުލުހުން އެމީހުން ތިބި ކޮޓަރިއަށް ވަދެފައިވަނީ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން ބާރުގެ ބޭނުންކޮށްގެންނެވެ. އެތެރެއަށް ވަން ވަގުތު ކޮޓަރީގެ މޭޒުމަތިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަށް ބަލާއިރު، އެއީ ގާނޫނީ ގޮތުން ޑްރަގް ޓްރެފިކިންގ ނުވަތަ ވިޔަފާރިކުރުމުގެ މިންގަނޑަށް ފެތޭ އަދަދެއް ކަމަށް ފުލުހުން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ޖުމައިހު ފިޔަވައި، އަނެއް ތިން މީހުންނަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ، ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.