MTCC

ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 88 މައްސަލައެއް ރިޕޯޓުކުރި

images (1)

ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 88 މައްސަލައެއް ރިޕޯޓުކުރި

SHARE

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 29 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންގެ 15 މައްސަލައަކާއި އަންހެން ކުދިންގެ 14 މައްސަލައެކެވެ. މީގެއިތުރުން ޖިންސީ ހާނިއްކައިގެ 15 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެން ކުދިންނަށް ކުރިމަތިވި ކަންކަމެވެ. އެއީ އަންހެން ކުދިންގެ 12 މައްސަލައަކާއި ފިރިހެން ކުދިންގެ 3 މައްސަލައެވެ. ހަމައެއާއެކު:

  • ކުދިންނަށް އިހުމާލުވުމުގެ 16 މައްސަލައަކާއި،
  • ގޭތެރޭގެ އަނިޔާގެ އަމަލުތައް ކުދިންނަށް ދެއްކުމާއި
  • ފެނުމުގެ 14 މައްސަލައެއް
  • ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ބުލީކުރުމުގެ 5 މައްސަލައެއްގެ
  • ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ
  • އެހެނިހެން 2 މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކަށް ބަލާއިރު، އަނިޔާ ލިބުނު ކުދިންގެ ތެރޭގައި ހިމެނެނީ ހަމަހަމަކޮށް އަންހެން 44 ކުދިންނާއި ފިރިހެން 44 ކުދިންނެވެ.

ކުޑަކުދިންގެ އަޚްލާޤީ މައްސަލަތަކަށް ބަލާއިރު، ވޭތުވެދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 16 މައްސަލައެއް ވަނީ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 6 މައްސަލައެއް (އަންހެން 3 އަދި ފިރިހެން 3) ރިޕޯޓުކުރެވުނުއިރު، ގެއިން ނުކުމެގެން ދިއުމުގެ 2 މައްސަލައަކާއި، ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލައެއްގެ އިތުރުން އެހެނިހެން އަޚްލާޤީ 7 މައްސަލައެއް ހިމެނެއެވެ. މި މައްސަލަތަކުގައި ގިނައީ ފިރިހެން ކުދިންނެވެ. އެއީ ފިރިހެން ކުދިންގެ 12 މައްސަލައާއި އަންހެން ކުދިންގެ 4 މައްސަލައެވެ. މީގެއިތުރުން ކުޑަކުދިންގެ ހައްޤުތަކާ ގުޅޭގޮތުން، ސްކޫލަށް ކުއްޖަކު ނުފޮނުވި އެއް މައްސަލަވެސް ރިޕޯޓުކޮށްފައިވެއެވެ.

ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2،173 ފޯނު ކޯލު ލިބިފައިވެއެވެ. މީގެ ތެރޭގައި ޗައިލްޑް ހެލްޕްލައިން (1412) އަށް އައި 1،662 ކޯލާއި، ސޯޝަލް ސަރވިސް ހެލްޕްލައިން (1421) އަށް އައި 511 ކޯލު ހިމެނެއެވެ.