ކުރިއަށް އޮތް ފިނި މޫސުމަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރު ކަމަށްވާތީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތޮއްޖެހުން ކުޑަކޮށް ޚިދުމަތްތައް ހަލުވިކުރުމުގެ ގޮތުން ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ހިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އެމްއޭސީއެލް އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ބަދަލަށް ޢަމަލުކުރަން ފަށާނީ މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި އިންތިޒާމާއެކު، ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ސީޒަނުގައި ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ އުދުހުންތަކަށް ފުރިހަމައަށް ޚިދުމަތް ދެވިގެންދާނެއެވެ. މީގެ ސަބަބުން ޖާގައިގެ ގޮތުން އިތުރު ތަނަވަސްކަން ލިބި، ދަތުރުވެރިންނަށް އަވަސް އަދި ލުއިފަސޭހަ މާހައުލެއްގައި ޚިދުމަތް ލިބިގަތުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އޮކްޓޫބަރު 25 އިން ފެށިގެން މުޅި ވިންޓަރ ސީޒަނަށް ޓާމިނަލް 2 އަށް ޗެކްއިން ބަދަލުކުރުމަށް ހަމަޖެހިފައިވާ 10 އެއާލައިނަކީ:
- އިޓަލީގެ ނިއޯސް
- ރަޝިޔާގެ އޭރޯފްލޮޓް
- ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންސް
- އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ
- ރަޝިޔާގެ އަޒުރް އެއާ
- ސައިބީރިއާގެ އެސް ސެވަން އެއާލައިންސް
- އަރުމީނިއާގެ ޝިރަކް އަވިއާ
- ކުވައިތު އެއާވޭސް
- ބަލްގޭރިއާގެ ގުލިވް އެއާ
- ފްރާންސްގެ ފްރެންޗް ބީ
މިހާރު އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުން އަންނަ ޓާމިނަލް 2 އަކީ ކުރިން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚާއްސަކޮށްގެން ހިންގި ޓާމިނަލެކެވެ. އެ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އަލުން ޚިދުމަތަށް ނެރެފައިވަނީ 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. މި ޓާމިނަލުގައި ޚިދުމަތް ދިނުމަށް 27 ޗެކްއިން ކައުންޓަރާއި، އެންމެ ފަހުގެ ލަގެޖް ބެލްޓްތަކުގެ އިތުރުން ކެފޭ/ރެސްޓޯރެންޓްތަކާއި، ނަމާދުކުރާ ކޮޓަރި އަދި ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަހައްދެއް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
އެހެންކަމުން، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މަތީގައި ބަޔާންކުރެވުނު އެއާލައިންތަކުން ދަތުރުކުރާ އެންމެހައި ފަސިންޖަރުން، ފުރުމަށްޓަކައި ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގަތުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުރުމުގެ އިންތިޒާމުތައް އެއްވެސް ދަތިކަމެއް ނެތި އޮމާންކަމާއެކު ނިންމާލުމަށްޓަކައި، އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގެން ދެއްވުމަށް ވެސް ފަސިންޖަރުންގެ ކިބައިން އެދިފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ރައްކާތެރި، އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމްއޭސީއެލް އިން ވަނީ އަރުވާފައެވެ.