MTCC

ތައުލީމީ ދާއިރާ އަދި އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނު ދިނުމަށް ދެ ޤައުމުގެ ރައީސުން މަޝްވަރާ ކުރައްވައިފި

large_thumb_1792650398339

ތައުލީމީ ދާއިރާ އަދި އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނު ދިނުމަށް ދެ ޤައުމުގެ ރައީސުން މަޝްވަރާ ކުރައްވައިފި

SHARE

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް ތައުލީމީ ދާއިރާ އަދި އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނު ދިނުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

މި ރަސްމީ ބައްދަލުކުރެއްވުން ބޭއްވީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ކަމަށްވާ "އައިވާން-އީ-ސަދްރު" ގައެވެ. ރައީސްގެ ދެކަނބަލުން ރިޔާސީ ގަނޑުވަރަށް ފައިންޕުޅު އެޅުއްވުމުން، އެމަނިކުފާނުގެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި އެ ޤައުމުގެ ފަސްޓް ލޭޑީ އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގެ ތެރެއިން ދެ ޤައުމުގެ އެންމެ އިސް ވެރިންނާއި ދެކަނބަލުންގެ މެދުގައި ޚާއްޞަ ވަކި ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ރައީސް ވަނީ، ގިނަ ދުވަސްތަކަކަށްފަހު ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔަކު އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ޕާކިސްތާނުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އައިސްފައިވާ ބޮޑު ކުރިއެރުމަށް ތަޢުރީފު ކުރައްވަމުން، މި ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ސަބަބުން، ދެ ޤައުމުގެ އެއްބާރުލުން އައު ހަރުފަތަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޒަރްދާރީ ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހި ވަފުދަށް ޕާކިސްތާނު ސަރުކާރުން އަދާކުރެއްވި މެހެމާންދާރީއަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިޔަފާރިއާއި އިޤްތިސާދީ ގުޅުންތައް ފުޅާކުރުމަށާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ އަދި އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނު ދިނުމުގެ ރޮނގުން އިތުރަށް ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތައް ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ޢާންމު މަސްލަހަތު ހިމެނޭ ކަންކަމުގައްޔާއި، ބައިނަލްއަޤްވާމީ މައިދާނުގައި ވެސް އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް އައުކުރައްވަމުންނެވެ.