MTCC

ސިއްހީ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވައިފި

large_thumb_1792616953287

ސިއްހީ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ޤައުމުގެ ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ މިއަދު ބައްދަލުކުރައްވައި ސިއްހީ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ރިޔާސީ ގަނޑުވަރު "އައިވާން-އެ-ސަދްރު" ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގެންނެވުމުން، އެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި އެ ގައުމުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގެ ތެރެއިން، ދެ ގައުމުގެ ރައީސުންނާއި ފަސްޓް ލޭޑީންގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވީ ވަކިވަކީންނެވެ.

މެޑަމް ސާޖިދާ އާއި އަސީފާ ބުއްޓޯ ޒަރްދާރީ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރި މެހެމާންދާރީ ފާހަގަކުރައްވައި މެޑަމް ސާޖިދާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްސަކޮށް ޢާންމު ސިއްހަތުގެ ދާއިރާއިންނާއި، އަންހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އަސީފާ ކުރައްވާ މަސައްކަތްޕުޅުތަކަށް މެޑަމް ސާޖިދާ ތަޢުރީފު ކުރެއްވިއެވެ. ހަމައެއާއެކު، ދެބޭފުޅުންގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވުމުން އެކަމާ އުފާކުރައްވާ ކަމަށް ޕާކިސްތާނުގެ ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ އިޖުތިމާޢީ އަދި އިންސާނީ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންކަމުގެ މައްޗަށެވެ. އެގޮތުން ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ. ޚާއްސަކޮށް، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގެންނެވުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެކަނބަލުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކޮށް، މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އަދި އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައި، ޤައުމީ ފެންވަރުގައި ނިންމުންތައް ނިންމުމުގެ އިސް ސަފަށް އަންހެނުން ގެނައުމަށް ބާރުއެޅުމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ އެއްގޮތް އަމާޒުތައް ހާސިލުކުރުމުގައާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ހައްޤުގައި ކުރިއަށް އޮތް ތަނުގައިވެސް ގާތުން ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.