ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ގަވާއިދާ ޚިލާފަށް ސައިކަލު ދުއްވި ޒުވާނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، އިރުމަތީގެ، އުމުރުން 27 އަހަރުގެ މުޙައްމަދު ސައިފެވެ. އޭނާ ހައްޔަރުކުރީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު ދޫކޮށްލުމުން، މި ހިނގާ މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ދަންވަރު 2:55 ހާއިރުއެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ މުޙައްމަދު ސައިފް ދުއްވި ސައިކަލުގައި އިތުރު ދެ މީހުން (ޖުމްލަ ތިން މީހުން) އަރުވައިގެން، ވަންވޭއާ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ގަވާއިދުން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ. ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ސައިފް ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އުޅަނދެކެވެ. އަދި އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ޖުމްލަ 5 މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ގަވާއިދާ އެއްގޮތަށް ދުއްވާފައި ދިޔަ ސައިކަލުގައި ތިބި ދެބެންގެދެދަރި ދެ ޒުވާނުންނަށެވެ. އެގޮތުން އެކެއްގެ ބޯ ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާއިރު، އަނެކަކުގެ މޫނުމައްޗަށް ވަނީ ފުން ޒަޚަމްތަކެއް ލިބިފައެވެ.
މީގެ އިތުރުން ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާ މީހެއްކަން ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ. އޭނާގެ މައްޗަށް ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައަކާއި، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ އިތުރުން، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ގިނަ މައްސަލަތަކެއްގެ ރެކޯޑު އެބައޮތެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.