މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީ ފެންވަރަކަށް ގެންގޮސް، އެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގަމުން އަންނަ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ އެކްސިޑެންޓްތަކުގެ ތަހުގީގުތަކުގެ ސައްހަކަން ކަށަވަރުކުރުމާއި، ފަންނީ ގޮތުން ރިޕޯޓުތަކުގެ ފެންވަރު މިހާރަށްވުރެ މަތިކުރުމެވެ.
"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ސްކެޗްތަކާއި ޑައިގްރާމްތައް ވަރަށް ފަސޭހަކަމާއެކު އަދި ތަފްސީލުކޮށް ކުރަހައި ތައްޔާރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރގައި ސީދާ މަގުތަކާއި، ކަންމަތިތައް ނުވަތަ އިންޓަރސެކްޝަންތަކާއި، ޓީ-ޖަންކްޝަންތައް ފަދަ އެކި ވައްތަރުގެ މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ތައްޔާރުކޮށް ހިމަނާފައިވެއެވެ. މީގެއިތުރުން އެކި ވައްތަރުގެ ވެހިކަލްތަކާއި، ސައިކަލްތަކާއި، ޓްރެފިކް ބޯޑުތަކާއި، މަގުމަތީ ބައްތިތަކުގެ ނިޝާންތައް ހިމެނޭ ރެޑީމޭޑް ސިމްބަލްތައް ވެސް މި ސޮފްޓްވެއަރ އިން ލިބެން ހުރެއެވެ.
މީގެ އިތުރުން، އެކްސިޑެންޓް ހިނގި ސަރަހައްދުގެ ހަގީގީ މަންޒަރު އޮތްގޮތަށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސް އަދި ސެޓެލައިޓް ފޮޓޯތައް މި ސޮފްޓްވެއަރއަށް އަޅައިގެން، ސީދާ އެ ސަރަހައްދުގެ މައްޗަށް ބިނާކޮށް ޑައިގްރާމް ކުރެހުމުގެ ފުރުސަތު ވެސް ތަހުގީގުކުރާ ފަރާތްތަކަށް މިހާރު ވަނީ ތަނަވަސްވެފައެވެ.
ފުލުހުން ބުނީ، މިއީ މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޑިޖިޓަލައިޒްކޮށް، ހެކި ރައްކާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އަދި އިދާރީ ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މުޅި ރާއްޖޭގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިސްކަންދެމުންނެވެ.