MTCC

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރާ މައްސަލާގައި ބަޔަކު ބަލައި ފާސްކޮށްފި

cc00aeea-392c-49b8-bb01-3b4c1015e60f

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރާ މައްސަލާގައި ބަޔަކު ބަލައި ފާސްކޮށްފި

SHARE

ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމާއި، ހުއްދައެއް ނެތި ބޭންކިންގ ޚިދުމަތް ދެމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގައި، ބަޔަކު ބަލައި ފާސްކޮށްފިއެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނާއި ޚާއްސަ ޓާސްކް ފޯސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ދިވެއްސަކާއި ހަތަރު ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. މީގެއިތުރުން ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފާސްކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ގުޅޭގޮތުން އެއްކުރެވުނު މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، ދިވެހިންގެ ނަމުގައި ހަދާފައިވާ ބޭންކު އެކައުންޓްތަކާއި ވިޔަފާރިތައް ބޭނުންކޮށްގެން މިފަދަ ކަންކަން ހިންގުމުގައި އިސްކޮށް އުޅެނީ ބިދޭސީންނެވެ. އަދި ނަހަމަ ގޮތުގައި ހޯދާ ފައިސާ ދައުރުކުރުމަށްޓަކައި ދިވެހިންގެ އެކައުންޓްތައް ބިދޭސީންނަށް ބޭނުންކުރަން ދީފައި ހުންނަކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ ގާނޫނާ ޚިލާފު ކަންކަން ހިންގުމަށް އަމިއްލަ ބޭންކު އެކައުންޓްތައް އެހެން މީހުންނަށް ދޫނުކުރުމަށް އާންމުންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އަދި އެފަދަ ކަންކަމަށް އެކައުންޓް ދޫކުރާ ފަރާތްތަކަކީ ކުށުގައި ބައިވެރިވާ ފަރާތްތަކެއް ކަމަށް ބަލައި، އެ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރާ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.