MTCC

ސިނގިރޭޓާއި ކަރަންޓުގެ އަގު ހެޔޮވުމާއެކު އޮގަސްޓު މަހު ރާއްޖޭގެ ސީޕީއައި ދަށަށް

big_ImtK1vbEJI1fMDdWHbb6wt8gN

ސިނގިރޭޓާއި ކަރަންޓުގެ އަގު ހެޔޮވުމާއެކު އޮގަސްޓު މަހު ރާއްޖޭގެ ސީޕީއައި ދަށަށް

SHARE

މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގުތައް ނުވަތަ ކޮންޒިއުމާ ޕްރައިސް އިންޑެކްސް 1.15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފިއެވެ.

މިއީ ޖުލައި މަހު އަގުތައް ދަށަށް ދިޔަ 0.24 އިންސައްތައާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ.

އެމްބީއެސް އިން މިމަހު 28 ވަނަ ދުވަހު ގައި ޝާއިއުކުރި ސީޕީއައި ރިޕޯޓުގައިވާ ގޮތުން، މަހުން މަހަށް ބަލާއިރު އަގުތައް ދަށަށް ދިޔަ ނަމަވެސް، 2025 ވަނަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮގަސްޓު މަހު އަގުތައް ހުރީ 0.76 އިންސައްތަ މަތީގައެވެ. މަހުގެ ބާވަތްތައް ނުހިމަނައި ބަލާއިރު، އޮގަސްޓު މަހު ސީޕީއައި ވަނީ 1.26 އިންސައްތަ ދަށަށް ގޮސްފައެވެ.

ދުންފަތުގެ ބާވަތްތައް

އޮގަސްޓު މަހު އެންމެ ބޮޑު ދަށްވުމެއް ފާހަގަކުރެވުނީ ދުންފަތާއި ސުޕާރީގެ ބައިންނެވެ. އެ ބައިން 22.63 އިންސައްތައިގެ ދަށްވުމެއް ރެކޯޑުކުރެވުނު އިރު، މީގެ މައިގަނޑު ސަބަބަކީ ސިނގިރޭޓުގެ އަގު 31.64 އިންސައްތަ އަދި ކެފޭ/ރެސްޓޯރެންޓުތަކުގައި ވިއްކާ ސިނގިރޭޓުގެ އަގު 17.76 އިންސައްތަ ދަށަށް ދިއުމެވެ. މި ބަދަލު އައިސްފައިވަނީ ޖުލައި މަހުގެ ކުރީކޮޅު ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

ބޯހިޔާވަހިކަމާއި ފެނާއި ކަރަންޓު އަދި ގޭސް

މި ކެޓަގަރީއިން އިންފްލޭޝަން ރޭޓު 0.49 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މީގެ ތެރެއިން ކަރަންޓުގެ ޚިދުމަތުގެ ޔުނިޓު އަގު ވަނީ 3.21 އިންސައްތަ ހެޔޮވެފައެވެ. އަދި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގު 0.73 އިންސައްތަ ދަށަށް ގޮސްފައިވަނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ އަގުތައް 8.41 އިންސައްތަ ދަށަށް ދިއުމާ ގުޅިގެންނެވެ.

އަގުތައް ދަށަށް ދިޔަ ބައިތަކުގެ އިތުރުން ބައެއް ބާވަތްތަކުގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން ކާބޯތަކެތީގެ އަގު 0.96 އިންސައްތަ، އަންނައުނާއި ފައިވާން 0.87 އިންސައްތަ، މަޢުލޫމާތާއި މުވާޞަލާތުގެ ޚިދުމަތްތައް 0.81 އިންސައްތަ އަދި ރެސްޓޯރެންޓާއި ހޮޓާ ފަދަ ތަންތަނުގެ އަގުތައް 0.77 އިންސައްތަ ވަނީ އުފުލިފައެވެ.

ކާބޯތަކެތީގެ ބާވަތްތައް

ކަނޑުމަހުގެ އަގު 5.65 އިންސައްތަ، ކުކުޅުބިސް 6.58 އިންސައްތަ، ގިތެޔޮމިރުސް 11.53 އިންސައްތަ، ކެރެޓު 16.75 އިންސައްތަ، އޮރެންޖު 11.62 އިންސައްތަ، ކިއުކަންބާ 7.94 އިންސައްތަ، މޭބިސްކަދުރު 7.42 އިންސައްތަ އަދި ކަރާގެ އަގު ވަނީ 9.58 އިންސައްތަ އުފުލިފައެވެ. ނަމަވެސް، ފިޔާގެ އަގު 15.50 އިންސައްތަ، ލުނބޯގެ އަގު 7.37 އިންސައްތަ އަދި ފަރުމަހުގެ އަގު 1.62 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

އަހަރުން އަހަރަށް ބަލާއިރު އެންމެ ބޮޑު އިންފްލޭޝަނެއް ފެނިފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެއީ 8.06 އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނައަށް އެންމެ ބޮޑަށް އުފުލުނީ ކާބޯތަކެތީގެ ބައިން 5.69 އިންސައްތައެވެ.

އެމްބީއެސްގެ ސީޕީއައި އިންޑެކްސް ބިނާކޮށްފައިވަނީ ނޮވެމްބަރު 2022 ގެ އަގުތަކުގެ މައްޗަށެވެ. މިއީ ޢާންމު ދިވެހި ޢާއިލާތަކުން ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންކުރާ މުދަލާއި ޚިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް މިންކުރުމަށް އެކުލަވާލާފައިވާ އިންޑެކްސްއެކެވެ.