MTCC

ބީއެމްއެލް އިން އީކޮމާސް ލިމިޓްތައް ކަނޑައަޅައިފި

IMG_8300

ބީއެމްއެލް އިން އީކޮމާސް ލިމިޓްތައް ކަނޑައަޅައިފި

SHARE

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޮންލައިން ސައިޓުތަކުން ކުރާ އީ-ކޮމާސް ވިޔަފާރިތަކަށް، ދުވާލެއްގެ މައްޗަށް މުއާމަލާތް ކުރެވޭނެ ވަކި ލިމިޓްތަކެއް ކަނޑައަޅައި އެކަން އާންމުކޮށްފިއެވެ.

ބޭންކުން ހާމަކުރި ގޮތުގައި، މި ބަދަލަކީ އެކި ކެޓަގަރީތަކަށް ބަހާލައިގެން މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ކަނޑައެޅިފައިވާ ލިމިޓެކެވެ. ކޮންމެ ދުވަހަކު ވެސް ކެޓަގަރީތަކުގެ ލިމިޓް ހެނދުނު 7:00 ގައި އައުވެގެންދާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ. އަދި ވަކި ދުވަހެއްގައި ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ފުރިހަމަކުރެވޭނެ ކަމަށާއި، ޑޮލަރު އެކައުންޓަކާ ގުޅިފައިވާ ކާޑެއް އޮތް ނަމަ އެ ކާޑުން މުއާމަލާތް ވަގުތުން ފުރިހަމަކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

ކެޓަގަރީތަކަށް ޑޮލަރު ބަހާލާފައިވާ ގޮތް:

  • އާންމު އީ-ކޮމާސް މާޗަންޓުން (އެމެޒޯން، އަލީބާބާ، ޓެމޫ ފަދަ 150 ޕްލެޓްފޯމް): މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކު ގާތްގަނޑަކަށް 100,000 ޑޮލަރު)
  • ސޯޝަލް މީޑިއާ (ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް): މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކު ގާތްގަނޑަކަށް 50,000 ޑޮލަރު)
  • ދަތުރުފަތުރާއި ހުރުން (ފްލައިޓް އަދި ހޮޓެލް ބުކިން): މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކު ގާތްގަނޑަކަށް 200,000 ޑޮލަރު). މީގައި އެހެން މީހުންނަށް ބުކިން ހެދުން ހުއްޓުވައި އަމިއްލަ ދަތުރުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ކަސްޓަމަރަކަށް ތިން މަހުން ތިން މުއާމަލާތަށް ވަނީ ލިމިޓުކޮށްފައެވެ.
  • ޒަރޫރީ ސަބްސްކްރިޕްޝަންތައް: މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކު ގާތްގަނޑަކަށް 100,000 ޑޮލަރު)
  • އެހެނިހެން ވިޔަފާރިތައް (އިހުތިޔާރީ ޚަރަދުތައް): މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކު ގާތްގަނޑަކަށް 60,000 ޑޮލަރު)
  • ސިއްހީ އަދި ތައުލީމީ ޚަރަދުތައް: މިފަދަ ކަންކަމަށް ވަކި ލިމިޓެއް ނޯންނާނެއެވެ. މި ޚިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ބޭންކުން ވަކި ބަޖެޓެއް ދަމަހައްޓާނެއެވެ.

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި 40،000 އަށް ވުރެ ގިނަ ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ރުފިޔާ ކާޑު މެދުވެރިކޮށް ދުވާލަކު އެވްރެޖްކޮށް 20،000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވެއެވެ. މީގެ ސަބަބުން ބޭންކަށް ލިބެން ހުރި ޑޮލަރަށް ވުރެ ޑޮލަރުގެ ޑިމާންޑް އިންތިހާއަށް އިތުރުވެ، ވިޔަފާރިތަކަށް ޓީޓީ ފޮނުވުން ފަދަ ޒަރޫރީ މުހިންމު ޚިދުމަތްތަކަށް ބުރޫއަރަމުންދާތީ، މިއީ ބޭންކުގެ ލިކުއިޑިޓީ ރަނގަޅަށް މެނޭޖްކުރުމަށް އެޅި ފިޔަވަޅެކެވެ.

މި ބަދަލަކީ ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ޖުމްލަ ޑޮލަރުގެ މިންވަރަށް އައި އުނިކަމެއް ނޫން ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެ ބޭންކުން މިހާރު ވެސް ބޭރު ފައިސާގެ އެކި ބޭނުންތަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 81.6 މިލިއަން ޑޮލަރު ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. ހަމައެހެންމެ އަލަށް ކަނޑައެޅި މި ލިމިޓްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް އެޅި ފިޔަވަޅެއް ކަމަށާއި، މި ލިމިޓްތައް މުރާޖައާ ކުރަމުންދާނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.