ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގެ މެޖޯރިޓީ ކޮންޓްރޯލް އަލުން ދިވެހި ސަރުކާރަށް ހޯދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، އެ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކެބިނެޓުން ނިންމެވި އެންމެ މުހިންމު އެއް ނިންމުމަކީ ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް މަތިކޮށް، ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް އަނބުރާ ދައުލަތަށް ހޯދުން ކަމަށެވެ.
މާޒީއަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ، ކުރިން ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތް މި ކުންފުނީގެ ކޮންޓްރޯލް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. އަދި ދިރާގަކީ ދިވެހި ރައްޔިތުންގެ ވަރަށް އަގުހުރި، މުހިންމު ހަރުމުދަލެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އަޅުުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑު ކުރުމަކީ ރައްޔިތުންގެ ވެއާ ލާބައަށްޓަކައި އަދި އިގްތިސާދު ފުޅާ ކުރުމަށްޓަކައި، އަދި ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ، ދިރާގުގެ މެޖޯރިޓީ ހިއްސާ އަނބުރާ ހޯދުމަކީ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށްވާތީ، އެކަމަށް ބޭނުންވާ ގާނޫނީ އަދި މާލީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އެމްޑަބްލިއުއެސްސީގެ ހިއްސާ ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާތީ، އެ ހިއްސާ ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަން ނިންމައި، އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިކަމަކީވެސް ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެމްޑަބްލިއުއެސްސީ އިތުރަށް ހަރުދަނާ ކުުރުމުގައި ކުރަން ޖެހޭ ކަމެއް،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ އެމްޑަބްލިއުއެސްސީގެ %20 ހިއްސާ ގަނެ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެ ކުންފުނި ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް ސްމޫތްކޮށް، ވަރަށް ކާމިޔާބުކަމާއި އެކީގައި މި ދެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ،". ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މި މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންގޮސް، މާ ލަސްތަކެއް ނުވެ ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ކަމާބެހޭ ވުޒާރާތަކުން ހާމަކުރަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.