މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އެ ދީނުގެ އަސާސްތަކާ ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމީ އޮނިގަނޑެއް ދައުލަތުގެ ތެރޭގައި ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޮޑުތަކުރުފާނުގެ އުފަން ރަށް، ހއ. އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ދީނީ ވަހުދަތާއި އިސްލާމީ ސިފަ ހިމާޔަތްކުރުމަށްޓަކައި ވަރުގަދަ ނިޒާމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަން ސަރީޙަކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން އަމަލީ ގޮތުން ކަށަވަރުކުރެވޭނެ ފަދަ ބަދަހި އުސޫލެއް މިހާތަނަށް ދައުލަތުގެ ނިޒާމުގެ ތެރޭގައި ނެތްކަން ފާހަގަކުރެއްވިއެވެ.
"މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ޤާއިމްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅާނެކަމުގެ ޔަޤީންކަން އަރުވަން." ރައީސް ވިދާޅުވިއެވެ.
މި މުހިންމު އިސްލާޙު ގެނައުމުގެ ގޮތުން، އިސްލާމްދީނުގެ އިންތަކުން ބޭރުން އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހަރުދަނާ ބިލެއް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ. މި ނިންމެވުމުގެ ބޭނުމަކީ ލިޔެކިޔުމުގައި އޮންނަ އުސޫލުތައް އަމަލީ ނިޒާމެއްގެ ތެރެއިން ބަދަހިކޮށް، ދިވެހި ދައުލަތުގެ އިސްލާމީ އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް ނުހެދޭނެ. ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވައިދުތައް ހުންނާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި. މިއީ މި ކަން ލިޔެކިޔުމުން ފެންނާން އޮތްގޮތް." ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ރައީސް ވަނީ މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ޤާނޫނީ އޮނިގަނޑު އިސްލާމީ އަސާސްތަކުގެ މަތީގައި ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.