ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން (އީއީޒެޑް) ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް މިނިސްޓަރު އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ސަމީރު ސުވާލު ކުރެއްވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާ ސަރަހައްދު އަނބުރާ ހޯދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހޯދުމަށެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އުނިވެގެން ދިޔައީ ދިވެހި ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް، ސިއްރުން ކަމަށެވެ. އަދި ގެއްލިފައިވާ ކަނޑުގެ ސަރަހައްދަކީ މަސް ބްރީޑްކުރާ ނުވަތަ މަސް އާލާވާ މުހިންމު ސަރަހައްދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ސަރަހައްދު ގެއްލުމަކީ ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"ފުރަތަކަ ދުވަހުން ފެށިގެން އެބައި ހޯދުމުގެ މަސައްކަތްތައް ވަނީ ފެށިފައި އެއްދުވަހުން ދެދުވަހުން ވާކަހަލަ ކަންތައްތަކެއް ނޫން އެއީ ވަކިން ހާއްސަކޮށް ރާއްޖޭގެ ސޮވެއިންއާ ގުޅުންހުރި ކަމެއް ސިޔާސަތާ ގުޅުންހުރި ކަމެއްއެއީ،" މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޝިޔާމް ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަރިހުން މިކަން ތަހުގީގުކޮށްދިނުމަށް އެދިވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ، މިއީ ގައުމަށް ވެވުނު ހިޔާނާތެއް ނުވަތަ ގައުމަށް ގައްދާރުވުން ފަދަ އަމަލެއް ކަމަށެވެ. އަދި މިއީ ގައުމުގެ ރައްކާތެރިކަމާއި، އިގްތިސާދާއި، ރައްޔިތުންގެ މުސްތަގުބަލާ ސީދާ ގުޅުންހުރި މުހިންމު މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި މިއީ ގައުމަށް ގައްދާރުވުން، އަޅުގަނޑު އެދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ވެސް މިކަންތައް އިތުރަށް ތަހުގީގުކޮށް ބައްލަވަން، މިއީ ރައްޔިތުންނާ ގުޅުންހުރި ކަމެއް، މިއީ ގައުމުގެ ސިޔާސަތާއި މި ގަމުގެ ރައްކާތެރިކަމާ ގުޅުންހުރި ކަމެއް، މި ގައުމުގެ އިގްތިސާދާ ގުޅުންހުރިކަމެއް،" ޝިޔާމް ވިދާޅުވިއެވެ.
މި ސަރުކާރުން އަންނަނީ ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ އެންމެ އިސްކަމެއް ދޭނެ އެއް މަސައްކަތް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.