MTCC

ފައިސާ ކެނޑެނީ ކުރިން ކޮށްފައިވާ ދަތުރުތަކަށް، ކަންބޮޑުނުވުމަށް އެމްޓީސީސީން އެދިއްޖެ

RTL-laamu-1024x683

ފައިސާ ކެނޑެނީ ކުރިން ކޮށްފައިވާ ދަތުރުތަކަށް، ކަންބޮޑުނުވުމަށް އެމްޓީސީސީން އެދިއްޖެ

SHARE

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ބޭނުންނުކުރާ ވަގުތުތަކުގައި ވެސް ކަސްޓަމަރުންގެ ބޭންކް ކާޑުތަކުން ފައިސާ ކެނޑޭ ކަމަށް އަންނަ މެސެޖަކީ ކުރިން ކޮށްފައިވާ ދަތުރުތަކަށް ކަނޑާފައިވާ ފައިސާގެ މެސެޖު ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މިއަދު މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ އެ ފަރާތްތަކުގެ ބޭންކް އެކައުންޓުން ފައިސާ ކެނޑެމުންދާކަން ހާމަކޮށް ޝަކުވާކޮށްފައެވެ. ގިނަ ކަސްޓަމަރުން ބުނެފައިވާ ގޮތުގައި، އެއްވެސް ދަތުރެއް ނުކުރަނީސް 3.25 ރުފިޔާ ކެނޑިފައިވާ ކަމުގެ މެސެޖުތައް ބޭންކުން ދަނީ ލިބެމުންނެވެ. މީގެ ތެރޭގައި މިއަދު ދަތުރުނުކުރާ މީހުންގެ އިތުރުން، ފަހަކަށް އައިސް އާރުޓީއެލްގެ އެއްވެސް ހިދުމަތެއް ބޭނުންކޮށްފައި ނުވާ ފަރާތްތައް ވެސް ހިމެނެއެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި މައްސަލަ ހިނގާތާ ދުވަސްތަކެއް ވެފައިވާއިރު، މިހާރު ފައިސާ ކެނޑޭ މިންވަރު ވަނީ އިތުރުވެފައެވެ.

މި މައްސަލައާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އާރުޓީއެލްގެ ފައިސާ ބަލައިގަތުމަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސާވާ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ދާތީ ދިމާވި ކަމެއް ކަމަށެވެ. އަދި މިހާރު ކަސްޓަމަރުންނަށް ލިބެމުންދާ މެސެޖުތަކަކީ ކުރިން ކޮށްފައިވާ ދަތުރުތަކަށް ފައިސާ ކެނޑުމުން ލިބޭ މެސެޖުތަކެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެމްޓީސީސީން އިތުރަށް ބުނެފައި ވަނީ، މިކަމަށް ސަމާލުވުމަށް ބޭންކުން ވެސް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

އާރުޓީއެލްގެ ހިދުމަތަކީ ރާއްޖޭގެ 12 އަތޮޅެއްގައި އެމްޓީސީސީން ދެމުންގެންދާ ހައި-ސްޕީޑް ފެރީގެ ހިދުމަތެކެވެ. މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.