MTCC

ހިލޭ އެހީގެ ގޮތުގައި ޖަޕާނުން 1 މިލިއަން ޑޮލަރު ރާއްޖެއަށް ދީފި

hnqjivrbiaaftb-876x584

ހިލޭ އެހީގެ ގޮތުގައި ޖަޕާނުން 1 މިލިއަން ޑޮލަރު ރާއްޖެއަށް ދީފި

SHARE

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން ޖަޕާނު ސަރުކާރުން 152 މިލިއަން ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް 1 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖެއަށް މިއަދު ފޯރުކޮށްދީފިއެވެ.

މި އެހީއަކީ ޖަޕާނު ސަރުކާރުން ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް) މަޝްރޫއުގެ ދަށުން، މި އަހަރު ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށް ދިން އެހީއެކެވެ.

މިކަމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޖުމްލަ 152 މިލިއަން ޖަޕާނީސް ޔެން (1,020,134 ޑޮލަރު) ރާއްޖެއަށް ލިބޭނެއެވެ. 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެހީގެ މައިގަނޑު މަގްސަދަކީ، ޖަޕާނުގެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ހޯދައިދިނުމެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ސިޔާސަތުތައް އެކުލަވާލުމާއި، ގައުމު ބިނާކުރުމުގެ މުހިއްމު ދާއިރާތަކަށް ބޭނުންވާ ގާބިލު މީހުން އުފެއްދުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރަކު ތައުލީމު ހާސިލްކޮށް ދަސްވެނިވެފައިވާއިރު، މިހާރުވެސް ޖަޕާނުގެ އެކި ޔުނިވާސިޓީތަކުގައި ރާއްޖޭގެ ނުވަ ދަރިވަރަކު ދަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ.