MTCC

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

357591-fd6bd951-3-768x512

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އިޙުތިރާމު އަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ޤަތަރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ތަޢުޒިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ ޢަޒުމު ދެ ބޭފުޅުންވެސް ވަނީ އާކުރައްވާފައެވެ.

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ އަމީރުކަމުގެ ދައުރުގައި 2005 ވަނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއިރު، އެމަނިކުފާނުގެ އެހީތެރިކަމާއެކު ރާއްޖޭގައި މުހިންމު މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ޤަޠަރު އެއަރވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި، ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލާއި، ހުޅުމާލޭގައި ބިނާކޮށްފައިވާ މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ހިމެނެއެވެ.
ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ރާއްޖެއިން ދޭ ޚާއްޞަ އަހަންމިއްޔަތުކަން ހާމަވެގެންދިޔަ ދަތުރުފުޅެކެވެ.