ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ ޖޫން 18 ވަނަ ދުވަހުގައި އެ އިދާރާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3610 ގްރާމް (3.6 ކިލޯއަށްވުރެ ގިނަ) ހުރި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެއެވެ.
މިއީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއްކަން ފާހަގަކޮށް، ކަސްޓަމްސްއިން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު ތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައިވާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.