MTCC

"ޑާޒަލެކްސް" ގެ ފޭކު އިންޖެކްޝަނަކަށް ސަމާލުވުމަށް ޑަބްލިއުއެޗްއޯގެ އިލްތިމާސް

l-2026-07-05-062921-tinv96c374jshroe8glk5mwdpq2bzxfu1ay-en

"ޑާޒަލެކްސް" ގެ ފޭކު އިންޖެކްޝަނަކަށް ސަމާލުވުމަށް ޑަބްލިއުއެޗްއޯގެ އިލްތިމާސް

SHARE

ރާއްޖެއާއި މެކްސިކޯއިން ކެންސަރު ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ޑާޒަލެކްސް" އިންޖެކްޝަންގެ ފޭކު ބެޗްތަކެއް ފެނިފައިވާތީ، އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މިއަދު އިންޒާރު ނެރެފިއެވެ.

މިމަހު 3 ވަނަ ދުވަހުގައި ޑަބްލިއު.އެޗް.އޯ އިން ނެރުނު މެޑިކަލް ޕްރޮޑަކްޓް އެލާޓްގައިވާ ގޮތުން، މި ފޭކު ބޭސްތައް ފެނިފައިވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ރާއްޖެއިންނާއި، އެމެރިކާ ސަރަހައްދުން މެކްސިކޯއިންނެވެ. މި ބޭސްތަކާ ގުޅޭ ރިޕޯޓްތައް އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޑަބްލިއު.އެޗް.އޯ އަށް ހުށަހަޅާފައިވަނީ މިއަހަރުގެ މެއި އަދި ޖޫން މަހުގެ ތެރޭގައެވެ.

މި ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ "ޖެންސަން" އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ފޭކު ބޭހުގެ ގޮތުގައި ފާހަގަކުރެވިފައިވާ ބެޗް ނަންބަރުތަކަކީ:

  1. ބެޗް ނަންބަރު: MYS7381
  2. ބެޗް ނަންބަރު: STV1K01

މީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފޭކު ބެޗެއް ކަމަށްވާ STV1K01 ގެ ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ކުދިކުދި އެތިކޮޅުތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

ޑާޒަލެކްސްގެ ފޭކް އިންޖެޝަން ބޭސް ފިހާރަތަކުގައި ނުހުންނާނެ ކަމަށާއި އެ އިންޖެކްޝަން ގެނައީ ބަލި މީހަކު އެދުމުގެ މަތިން ރާއްޖެއިން ބޭރުން ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

"ޑާޒަލެކްސް" އަކީ ކަށީގެ މަދަށް ޖެހޭ ކެންސަރެއް ކަމަށްވާ މަލްޓިޕްަލް މައިލޯމާ އާއި "އެމިލޮއިޑޯސިސް" ފަދަ ނާދިރު ލޭގެ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ. ޑަބްލިއު.އެޗް.އޯ އިން ހާމަކުރި ގޮތުގައި މި ފޭކު ބޭހުގެ ސަބަބުން ބަލިމީހާގެ ފުރާނައަށް ސީރިއަސް ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ. އޭގެ ތެރޭގައި:

  • ބޭހުގައި ހުންނަންޖެހޭ އަސްލު މާއްދާ ނެތުން ނުވަތަ ނުރައްކާތެރި މާއްދާތައް ހުރުން.
  • ބޭސް އުފެއްދުމުގައި ހުންނަންޖެހޭ ސާފުތާހިރުކަން ނެތުމުގެ ސަބަބުން އިންފެކްޝަން އުފެދުން.
  • ބަލި ކޮންޓްރޯލް ނުވެ، ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވުން.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިލްތިމާސްކުރަނީ މި ބެޗް ނަންބަރުތަކުގެ ބޭސް އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށެވެ. އަދި ބޭސް ގަންނައިރު ހުއްދަ އޮންނަ އިތުބާރުހުރި ފަރާތްތަކުން ނޫނީ ބޭސް ނުގަތުމަށް ވަނީ އަންގާފައެވެ.

މި ބޭސް ބޭނުންކޮށްގެން އެއްވެސް ނޭދެވޭ އަސަރެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށާއި، ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓްކުރުމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ އިރުޝާދު ދީފައެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ފާމަސީތަކުން ބޭސް ސަޕްލައި ކުރާ ފަރާތްތަކަށް އިތުރަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ.