މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ކުރަންޖެހޭ ޝީޓްޕައިލް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މަޝްރޫޢުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާއިރު، މި މަހުގެ 7 ވަނަ ދުވަހު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އެއްގަމު ތޮށީގެ ކެޕިން ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.
ސަރުކާރުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ފަށްޓަވާފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އޮތް 830 މީޓަރުގެ ސަރަޙައްދު ހަތަރު ލޭނަށް ފުޅާކުރެވޭނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ތާރު އެޅުމާއި، ހިނގާ މީހުންނަށް ޚާއްޞަ ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކުރުން ހިމެނެއެވެ. މި މަސައްކަތް ނިމުމުން މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.