MTCC

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ފިރުޒުލް

images

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ފިރުޒުލް

SHARE

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް، ދ. ކުޑަހުވަދޫ، ޝަބްނަމީގެ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަން ކުރައްވައިފިއެވެ.

ފިރުޒުލް މި މަގާމަށް އައްޔަން ކުރެއްވީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލު އިސްތިއުުފާ ދެއްވުމާ ގުޅިގެންނެވެ. ޝަކީލް މަގާމުން އިސްތިއުފާ ދެއްވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފިރުޒުލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ. އަދި އޭނާ އަކީ މިހާރު ވެސް ވެރިކަން ކުރާ ޕީއެންސީގެ ތަރުޖަމާނެވެ.

އުމުރުން 32 އަހަރުގެ ފިރުޒުލް އަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެެވެ. އޭނާ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންތިހާބީ ރައީސަކަށް ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕީއެންސީގެ ތަރުޖަމާނެއްގެ ގޮތުގައި ފިރުޒުލް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.