MTCC

ފާއިތުވި ދެ އަހަރުތެރޭ ކަސްޓަމުން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި---ފޮޓޯ: ފުލުހުން

ފާއިތުވި ދެ އަހަރުތެރޭ ކަސްޓަމުން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

SHARE

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ އިދާރާގެ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 324 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި ރިޕޯޓްކުރާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ 27 އިންސައްތަ އިތުރުވެފައެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ބަރުދަނަށް ބަލާއިރު، މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު 31 އިންސައްތައިގެ އިތުރުވުމެކެވެ.

ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ ޖުމްލަ 247 ކިލޯގެ މަސްތުވާތަކެއްޗެވެ. އެ ތަކެތި އަތުލައިގަނެފައިވަނީ 116 މައްސަލައެއްގެ ތެރެއިންނެވެ. ނަމަވެސް، 2024 އިން 2026 ގެ ޖޫން މަހުގެ ނިޔަލަށް ހިނގި މި ކުރު މުއްދަތުގައި 147 މައްސަލައެއްގައި 324 ކިލޯގެ ތަކެތި އަތުލައިގަނެވިފައިވުމަކީ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ވަރުގަދަވެފައިވާ ކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ.

މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2019 އިން 2023 އާ ހަމައަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ މިންވަރަށްވުރެ، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އަތުލައިގަނެވުނު ތަކެތީގެ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މި ސަރުކާރުން މަސްތުވާތަކެތީގެ ވަގުވިޔަފާރި ހުއްޓުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ބޯޑަރު ކޮންޓްރޯލް ވަރުގަދަކުރުމަށް ކަސްޓަމްސްއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަސައްކަތްތަކުގައި ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާއާ ގުޅިގެން ކަސްޓަމްސްއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.