MTCC

މިއަހަރުގެ ހައްޖާޖީން ފުރުވާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ފޮޓޯ:އެމްއޭސީއެލް

މިއަހަރުގެ ހައްޖާޖީން ފުރުވާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރި ހުރިހާ ހައްޖާޖީން ފުރުވާލުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްއޭސީއެލްއިން މިއަދު ހާމަކުރި ގޮތުގައި، ހައްޖާޖީން ފުރުވާލުމުގެ އިންތިޒާމުތައް މިހާ ފުރިހަމަކޮށް ކުރިއަށް ގެންދެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރެވުނު ބުރަ މަސައްކަތުންނެވެ.

ހައްޖާޖީންނަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖަރު ސާވިސަސް، ޓާމިނަލް ސާވިސަސް އަދި ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ވަނީ ހީވާގިކަމާއެކު މަސައްކަތް ކޮށްފައެވެ. މިގޮތުން އެއާޕޯޓަށް ދާ ހައްޖާޖީންނާއި އެމީހުންގެ އާއިލާތަކަށް ހާއްސަ އިންތިޒާމުތަކެއް ވަނީ ތައާރަފްކޮށްފައެވެ.
އެއާޕޯޓުގައި ހަމަޖެއްސި ހާއްސަ އިންތިޒާމުތަކުގެ ތެރޭގައި:

  • އެއާޕޯޓުގެ ވޯޓާ ފްރަންޓް އިމާރާތުގައި ހައްޖާޖީންނަށް ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހައްޖާޖީންނާއި އެމީހުން ފުރުވަންދާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • ހައްޖާޖީންނަށް ބޭނުންވާނެ ބޯފެނާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތައް ގާއިމުކުރުން ހިމެނެއެވެ.

ދިވެހި ސަރުކާރުން ހައްޖާޖީންގެ ކަންކަމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، އެމްއޭސީއެލްއިން ވަނީ ކޮންމެ އަހަރަކުވެސް ހައްޖާޖީން ފުރުވުމާއި ބަލައިގަތުމުގައި ހާއްސަ ލުއިފަސޭހަތަކެއް ފޯރުކޮށްދެމުންނެވެ. މިއަހަރުގެ ފަހު ގްރޫޕް ފުރުމާއެކު، ހުރިހާ ހައްޖާޖީން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައެވެ.