ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ބޭންކިންގް ޚިދުމަތް ދިނުމުގެ ފުރިހަމަ ލައިސަންސް ދޫކޮށްފިއެވެ.
މިއާއެކު ރާއްޖޭގެ މާލީ ބާޒާރަށް އާ ކޮމާޝަލް ބޭންކެއް ތައާރަފްވުމުގެ މަގު މިވަނީ ފަހިވެފައެވެ. މި ބޭންކު ހިންގުމުގެ ރަސްމީ ހުއްދަ އެމްއެމްއޭ އިން ހަވާލުކުރީ މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހްއާއެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، މި ބޭންކަށް ފުރިހަމަ ލައިސަންސް ދޫކުރަން ނިންމީ، ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ދޫކުރި ވަގުތީ ހުއްދައިގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާ ޝަރުތުތަކެއް އެ ކުންފުނިން ފުރިހަމަކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބޭންކިންގް ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މި ބޭންކުގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވި އައިޝާ ނޫރައިން ޖަނާހް އަކީ ރާއްޖޭގެ ކޯޕަރޭޓް ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ. ޗާޓަރޑް އެކައުންޓެންޓެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ނޫރައިން މިހާރު ވެސް ގެންދަވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުންނެވެ.