ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއަށް ކުރާ ސީދާ ދަތުރުތައް ރޭ ރަސްމީކޮށް ފަށައިފިއެވެ.
މާރިޗް 19 ވަނަ ދުވަހު ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ކުރުމަށް ފެށުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް ރޭ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިފައެވެ. އޭ330-200 މަރުކާގެ ބޮޑު މަތިންދާބޯޓެއްގައި ކުރި މި ތާރީޚީ ދަތުރަށްފަހު، 10 ގަޑިއިރުގެ އުދުހުމަކަށްފަހު ބޯޓު މިހާރު ވަނީ އޮސްޓްރޭލިއާގެ މެލްބަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފައެވެ.
މިއީ މޯލްޑިވިއަންގެ ތާރީޚުގައިވެސް އޮސްޓްރޭލިއާއަށް ކުރާ ފުރަތަމަ ދަތުރުތަކެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ޗާޓަރު ދަތުރުތަކެކެވެ. މޯލްޑިވިއަންއިން މަޢުލޫމާތު ދޭ ގޮތުގައި، އޮސްޓްރޭލިއާއިން ފުރައިގެން ދަތުރުވެރިންނާއެކު މި ބޯޓު މާދަމާ ހެނދުނު ރާއްޖެ އަންނާނެއެވެ. މިކަމުގެ އުފަލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ދަތުރުތައް ފެށުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވައިލުމެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮންމެ ހަފްތާއަކު މާލެއާއި މެލްބަންއާ ދެމެދު ދަތުރުތައް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
މި އައު ދަތުރުތަކާއެކު، އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދިވެހި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.