ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސުން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 14.85 ބިލިއަނާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސްކީމްގެ ދަށުން އެޗްޑީސީގެ މިލްކިއްޔާތުގައިވާ 2,841,400 އަކަފޫޓުގެ ބިން ވަނީ އާންމުންނަށް ހިލޭ ދޫކުރުމަށް ވަކިކޮށްފައެވެ. މި ބިންތަކަކީ މާކެޓް ރޭޓުގައި ބީލަމުގެ އުސޫލުން ވިއްކި ނަމަ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބެން އޮތް ބިންތަކެކެވެ.
އޮޑިޓް ރިޕޯޓުގެ ތަފުސީލުތަކަށް ބަލާއިރު:
- ހުޅުމާލެ ފޭސް 2 (ބީޗްސައިޑް): 473 މީހަކަށް ދޫކުރި 188 ގޯއްޗަކީ މާކެޓްގައި އެންމެ އަގުބޮޑު "ބީޗްސައިޑް" ބިންތަކާ އެއް ފެންވަރެއްގެ ބިންތަކެކެވެ. 347,600 އަކަފޫޓުގެ މި ބިންތައް ވިއްކި ނަމަ 2.5 ބިލިއަން ރުފިޔާ ލިބުނީހެވެ.
- ހުޅުމާލެ ފޭސް 2 (އެހެނިހެން): 1,166 މީހަކަށް ދޫކުރި 521 ގޯތިން (909,250 އަކަފޫޓު) 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެން އޮތެވެ.
- ހުޅުމާލެ ފޭސް 3: 2,481 މީހަކަށް ދޫކުރި 699 ގޯތިން (1,584,550 އަކަފޫޓު) 8.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ މި އަގުތައް އަންދާޒާކޮށްފައިވަނީ 2022 އާއި 2024 އާ ދެމެދު އެޗްޑީސީން ބިޑް އުސޫލުން ބިން ވިއްކާފައިވާ ރޭޓްތަކަށް ބަލައިގެން ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުގައި ބިންތައް މާކެޓް ރޭޓް އުސޫލުން ކުންފުންޏަށް އާމްދަނީ ހޯދުމުގެ ގޮތުން ވާދަވެރި ބީލަމެއްގައި ވިއްކައިފި ނަމަ، 14،847،279،200 ރުފިޔާ އާއި 15،932،847،200 ރުފިޔާއާ ދެމެދުގެ އަގެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދޭކުން 473 މީހަކަށް ދޫކުރި 188 ގޯއްޗަކީ “ބީޗްސައިޑް ގޯތި” ތަކާ އެއްގޮތް، އެ ފަދަ ގޯތިތަކުގެ އަގުގައި ވިއްކޭނެ ތަންތަނެވެ. އެ ގޯތިތަކުގެ ޖުމްލަ ޖާގަ އަކީ 347،600 އަކަފޫޓް ކަމަށް ވާއިރު، މާކެޓް ރޭޓްގައި ވިއްކާ ނަމަ އެ ގޯތި ތަކަށް 2.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، މި ބިންތައް ހިލޭ ދޫކުރުމަށް ނިންމީ ދައުލަތުގެ މާލިއްޔަތަށާއި އެޗްޑީސީގެ މާލީ ދުޅަހެޔޮކަމަށް މީގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކާ މެދު އެއްވެސް ފުޅާ ދިރާސާއެއް ކުރުމަކާ ނުލައި ކަމެވެ. މި ނިންމުމުގެ ސަބަބުން ކުންފުނީގެ ވިޔަފާރީގެ އުސޫލުން ލިބެން އޮތް ބޮޑު އާމްދަނީއެއް ގެއްލި، ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ނުފޫޒެއް ފޯރާފައެވެ.