ބޭންކު އެކައުންޓްތަކާއި ކާޑުތައް ކުއްޔަށް ދިނުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، އެކަމަކީ ގާނޫނީ ގޮތުން ބޮޑު ކުށެއް ކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތުން އާންމުންނަށް އިންޒާރު ދީފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ، ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ މަންސަތަކުގައި "ފަސޭހައިން ފައިސާ ހޯދުމަށް" ނުވަތަ "އެކައުންޓް ކުއްޔަށް ނަގަނީ" ކަމަށް ބުނެ ގިނަ އިޝްތިހާރުތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އާންމުން މަގުފުރައްދައިގެން ޖިނާއީ ކުށްތަކުގެ ތެރެއަށް ވެއްދުމަށް ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ފުލުހުން ސިފަކުރެއެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، ބޭންކު އެކައުންޓަކީ ތިމާގެ އަމިއްލަ އެއްޗަކަށް ވީނަމަވެސް، އެކައުންޓުގެ މައުލޫމާތާއި، ބޭންކު ކާޑުގެ ޕިން ނަންބަރު އަދި އޯޓީޕީ ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތަކާ ހިއްސާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިގޮތަށް އެކައުންޓްތައް ދޫކުރުމަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ޖިނާއީ މުއާމަލާތްތަކަށް މަގުފަހިވާ ކަމެކެވެ.
މީގެ އިތުރުން އެކައުންޓެއް ބޭނުންކޮށްގެން ހިންގާ ކޮންމެ މުއާމަލާތެއްގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެ އެކައުންޓެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.. މިފަދަ ކަންކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ބޭންކިން ހިދުމަތްތައް މެދުކަނޑާލައި، އެ ހިދުމަތްތަކުން މަހްރޫމްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، އެކައުންޓް ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ނަގާ މީހުން ދެނެގަނެ، އެ ފަރާތްތަކާ މެދު މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ހަރުކަށި ފިޔަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ބުނެފައެވެ. އާންމުންގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން މިހާރު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.