ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުންދާ ކްރޫޒް ލައިނާއަކުން ނުރައްކާތެރި "ހަންޓާ ވައިރަސް" ފެނިފައިވީ ނަމަވެސް، ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި ބަލި ފެތުރެން ފަށާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުންދިޔަ "އެމްވީ ހޮންޑިއަސް" ކްރޫޒް ޝިޕްގައެވެ. މި ހާދިސާގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު، އިތުރު ހަތަރު މީހަކު ވަނީ ފަރުވާއަށްޓަކައި އުޅަނދުން ބާލާފައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގުޅިގެން އެޗްޕީއޭއިން ދަނީ ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައެއް ނުވެއެވެ. އަދި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށާއި، މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުންދާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ހަންޓާވައިރަސް އާންމުގޮތެއްގައި ފެތުރެނީ މީދާ ފަދަ ސޫފީގެ ނަޖިހުން ތަޣައްޔަރުވެފައިވާ ވައިގެ ޒަރީއާއިންނެވެ. ނަމަވެސް "އެމްވީ ހޮންޑިއަސް" ކްރޫޒް ޝިޕުން ފެނިފައިވަނީ އިންސާނުންގެ މެދުގައި ގައިގޯޅިވުމުން ފެތުރޭ "އެންޑީސް" ސްޓްރެއިން ކަމަށްވާތީ، އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުން ދަނީ އެ އުޅަނދުން ދަތުރުކުރި ފަސިންޖަރުން ހޯދައި، ބަލި ފެތުރުން ހުއްޓުވުމުގެ މަސައްކަތް ކުރަމުންނެވެ.
މި ބައްޔާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ޑރ. މާރިއާ ވެން ކާކޯވް ވިދާޅުވީ، މިއީ އާލަމީ ވަބާއެއްގެ ފެށުމެއް ނޫން ކަމަށެވެ. އަދި މިއީ ކޯވިޑް ނުވަތަ އިންފްލުއެންޒާ ފަދަ ބައްޔެއް ނޫން ކަމަށާއި، ބަލި ފެތުރޭ ގޮތް މުޅިން ތަފާތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަލީގެ އަލާމާތްތައް:
ހަންޓާވައިރަސްގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބަލިޖެހޭތާ 1 ހަފުތާއާއި 8 ހަފުތާއާ ދެމެދުގެ މުއްދަތެއްގައެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- ގަދައަށް ހުން އައުން އަދި ވަރުބަލިވުން.
- މަސްތަކުގައި ރިއްސުން (ޚާއްޞަކޮށް ފަލަމަސްގަނޑު، އުނަގަނޑު އަދި ބުރަކަށީގައި).
- ބޮލުގައި ރިއްސުމާއި ބަނޑުގެ މައްސަލަތައް (މޭނުބައިކުރުން، ބޭރަށް ހިންގުން.
ބަލި ބޮޑުވާން ފެށުމުން ކެއްސުމާއި، ނޭވާ ކުރުވުން އަދި ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން ފަދަ ނޭވާލާ ނިޒާމުގެ ސީރިއަސް މައްސަލަތައް ކުރިމަތިވެއެވެ. ސިއްހީ މާހިރުން އިލްތިމާސް ކުރައްވަނީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.