އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިގޮތަށް ނިންމާފައިވަނީ، ހުޅުމާލޭގެ އެއްވެސް ފިޔަވައްސެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ކަނޑައަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ސިޓީއެއް ފޮނުވާފައިވަނިކޮށެވެ. އެމްޑީޕީގެ ސިޓީގައި ބުނެފައިވަނީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދާއިރާގެ 300 އެއްހާ މީހުން ހުޅުމާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ހުޅުމާލޭގައި ފޮއްޓެއް ބަހައްޓައިދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، ބައި-އިލެކްޝަންތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ވޯޓު ފޮށި ބަހައްޓާނީ މާލޭގެ މައި ސެންޓަރުގެ ގޮތުގައި ކަނޑައަޅާ މަރުކަޒާއި، އެ ދާއިރާއެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި އެކަނި ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ވޯޓުލާ މީހުންނަށް ދަރުމަވަންތަ ސްކޫލުގައި ދެ ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އީސީން އިތުރަށް ބުނި ގޮތުގައި، މާލެ ސަރަހައްދުގެ އަވަށްތަކަށް ވޯޓުލީ އެއްވެސް ފަރާތަކުން އަލުން ރީ-ރަޖިސްޓަރީ ވާން ނުޖެހޭނެއެވެ. އަދި މާލޭގައި ހުންނަ ފޮށިތަކަށް އެ ފަރާތްތަކުގެ ނަންތައް މިހާރު ވެސް ވަނީ ލިސްޓު ކުރެވިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އަންނަ މަހުގެ 6 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓާއި، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާ 2 ފޮއްޓެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަޙްމަދު ސަޢީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.