ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލުގެ މަސައްކަތް ކުރިޔަށްދިޔަ އިރު، ކޮމިޓީ ރޫމްގެ މައިކަކަށް ގެއްލުންދިން މައްސަލައިގައި ތިން މެމްބަރެއްގެ އަތުން އަގު ނަގަން ނިންމައިފި އެވެ.
އަގު ނަގަން ނިންމާފައިވާ މެމްބަރުންނަކީ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފް އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރެވެ.
މީޑިއާ ބިލުގެ މަސައްކަތް ކުރިޔަށްދިޔައިރު، ކޮމިޓީ ހޫނުވެ، މެމްބަރު މައުރޫފް ޒާކިރު ވަނީ މައިކު ކައިރިއަށް ވަޑައިގެން ވާހަކަދައްކަވަން މަސައްކަތް ކުރައްވާފައެވެ. މިކަމުގެ ތެރެގައި މެމްބަރު ހުސައިން އިމްރާން ލަތީފް އާއި، ހުސައިން ސަމީރުވެސް މައިކާ ހިފަން މަސައްކަތްކުރެއްވި އެވެ. މައިކު ދެކޮޅަށް ދަމަމުންގޮސް، އިމްރާން ވަނީ މައިކް އުފުރާލައްވައި ވައްޓާލާފަ އެވެ.
މި މައްސަލާގައި މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، މައިކަށް ލިބުނު ގެއްލުން އަނބުރާ ހޯދުމަށް، އެވަގުތު މައިކުގައި ހިފާއްޓައިގެން ތިއްބެވި ތިން މެމްބަރުންގެ އަތުން އަގު ނަގަން ނިންމާފައެވެ. އެގޮތަށް ހުށައެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒެވެ.
މެމްބަރު ޝަމީޒް ހުށައެޅުއްވިގޮތަށް ތިން މެމްބަރުގެ އަތުން އަގު ނެގުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
މީޑިއާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްދިޔައިރު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވި ބައެއް ފަރާތްތަކުންވެސް ވަނީ ބިލާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖް ކޮށްފައެވެ. އެހެންކަމުން މަޖިލީހުގެ އިދާރާއިން ވަނީ، މަޖިލީހަށް ހާޒިރުވާ މެހެމާނުން އަމަލުކުރާނެ އުސޫލުތައް މުރާޖާކުރަން ނިންމާފަ އެވެ.