މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ޖުލައި 16 ގެ ނިޔަލަށް ޓީ.ޖީ.އެސް.ޓީ އަށް ލިބުނު އާމްދަނީއަކީ ދައުލަތުގެ ޖުމްލަ އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީގެ ތަފުސީލުތަކަށް ބަލާއިރު، އާންމު ޖީ.އެސް.ޓީ އާއި ޓީ.ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޖުމްލަ ޓެކްސް އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ ވަނީ 12.1 އިންސައްތަ އިތުރުވެ، 3.0 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތަށް ޖުމްލަކޮށް ލިބުނު ޓެކްސް އާމްދަނީ ވަނީ 17.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ހިލޭ އެހީގެ ގޮތުގައި 438.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 130 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 2.9 އިންސައްތަ ދަށްވެފައެވެ.
ޚަރަދުތަކުގެ ބަޔަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓާއި ސަބްސިޑީތަކަށެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރަށްރަށުގެ ތަރައްޤީއަށް ކައުންސިލްތަކަށް ދޫކުރި ގްރާންޓް ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ސަބްސިޑީއަށް ކުރި ހޭދަ 1.7 ބިލިއަނުން 3.1 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.
ދައުލަތުގެ ޖުމްލަ ޚަރަދު 24.5 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 21 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ސަބްސިޑީގެ އިތުރުން ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރައަށް ކުރާ ހޭދަ ބޮޑުވުމެވެ. އެގޮތުން ރިކަރަންޓް ޚަރަދު 21.4 ބިލިއަނަށް އަދި ކެޕިޓަލް ޚަރަދު 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މި މުއްދަތުގެ ބަޖެޓް ޑެފިސިޓް 1.5 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓް ނުހިމަނައި ބަލާ ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައި ކަމަށް ފައިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 817.3 މިލިއަން ރުފިޔާގެ ސަރޕްލަސްއެއް ވަނީ ލިބިފައެވެ.