އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އެ އަތޮޅު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ހުށަހަޅުއްވައިފައިވާ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އިސްލާހުކުރައްވައިފި އެވެ.
މި ވޯޓު ނެގުމަށް އިންތިޒާމުކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހަށެވެ. މި ވޯޓާއި މެދު ޚިޔާލުތަފާތުވުން މިހާރު ވެސް އޮތް އިރު، ރައީސް އޮފީހުން ވަނީ މި ވޯޓުގެ ސުވާލުތައް އިސްލާހުކޮށްފަ އެވެ.
ކައުންސިލާއި ގުޅޭގޮތުން ނެރުނު ގަރާރަށް ގެނައި އިސްލާހުގައި، އުނި ކުރުމަށް ނިންމާފައި ވަނީ 1 ސުވާލެވެ. އެއީ ހުޅުދޫ، މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ފެނޭތޯ އިއުލާނު ކުރި ސުވާލެވެ. އެހެންކަމުން ދެން ފޭދޫއާއި އެއްގޮތަށް ހުޅުދޫ، މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ ވަކި ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންކަން ކުރިޔަށްދާނީ މި ހިނގާ 2025 އޮކްޓޫބަރު 25 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.