MTCC

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނަކު ފުރައިފި

HJ38PiUbwAALHAC

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނަކު ފުރައިފި

SHARE

ދިވެހި ސަރުކާރުން ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ޕްރޮގްރާމްގެ ދަށުން، ފަންނީ ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި 77 ޒުވާނަކު މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޒުވާނުން ތަމްރީނު ހޯދާނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި ކަމަށެވެ. މި ބައިވެރިންނަކީ މިދިޔަ މެއި މަހު ދަސްވެނިވި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުންގެ ތެރެއިން، ފަންނީ ދާއިރާތަކުން ކުރިއަށްދާން ޝައުޤުވެރިކަން ފާޅުކުރި ޒުވާނުންނެވެ.

މި ފަހަރުގެ ތަމްރީނުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކުން، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ 77 ޒުވާނުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ ދަށުން މައިގަނޑު 6 ފަންނީ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުޞަތު މި ކުދިންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އިސްލާމީ ޢަޤީދާ ވަރުގަދަ، އަދި ރޫޙާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ޒިންމާދާރު ރައްޔިތެއް ބިނާކުރުމެވެ. މިއީ ޤައުމިއްޔަތަށް ލޯބިކުރާ، މަސައްކަތުގެ އަޚުލާޤު ހުރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަޤްރީރުގައިވެސް ބާރުއެޅުއްވި، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ އެންމެ މުހިންމު އެއް ތަނބެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުން މިހާތަނަށް 63 ބައިވެރިޔަކު ވަނީ ފަންނީ ދާއިރާތަކުން ދަސްވެނިވެފައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ތަމްރީނުތަކުގެ ޒަރީޢާއިން ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ ހުނަރުވެރި ބަޔަކު އުފެއްދުމެވެ.