ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓު ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ރަސްމީކޮށް ފަށައިފި އެވެ.
އެފްޑީސީން ވަނީ އަމާން އުދަރެސް ޓަވަރު 14 ގައި ބޭއްވ ރަސްމިއްުޔާތުގައި ޓަވަރަށް އާބާދުވާ ފުރަތަމަ މީހާއަށް މިއަދު ތަޅުދަނޑި ހަވާލުކޮށްފަ އެވެ. އެ މީހާއާ ތަޅުދަނޑި ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
އެ ޓަވަރުން ފްލެޓު ލިބުނު މީހުންނާ ތަޅުދަނޑި ހަވާލުކުރާނީ އެފްޑީސީން ބުނިގޮތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 16:00 އާ ދެމެދު ކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ މަރުހަލާއާއި ދުވަސް، އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގާޏެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމެއް ވެސް އެފްޑީސީގެ ޕޯޓަލް މެދުވެެރިކޮށް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން، އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ޖާގަ ބުކްކުރުމުން އެ ސަރަހައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.
މިގޮތަށް އެ އިންތިޒާމްތައް ހަމަޖެއްސީ، އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު އާއްމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުހަލާ ފުރިހަމަކުރުން ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ފުރަތަމަ ފްލެޓް ހަވާލުކުރާނީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުވާފައިވާ މީހުންގެތެރެއިން އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ.