ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަޢުވަތު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ އެ ޤައުމުން ދެއްވި ފުރިހަމަ މެހުމާންދާރީ ފާހަގަކުރައްވައި ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މެހުމާންދާރީގެ ބަދަލު އަދާކުރުމުގެ ގޮތުން، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ދިވެހި ފަސްގަނޑުން މަރުޙަބާ ދެންނެވުމަށް ކެތްމަދުވެފައި ހުންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ މެދުގައި ވޭތުވެދިޔަ 60 އަހަރު ދުވަހު އޮތް ބަދަހި ގުޅުމުގެ މައްޗަށް ބިނާކޮށް، ގުޅުންތަކުގެ އައު ބާބެއް ފެށުމަށް ވަނީ އެއްބަސްވެވިފައެވެ. އަދި މި އައު ފެށުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އިތުރު ފުރުޞަތުތަކާއި ފާގަތިކަން ގެނެސްދޭނެ ކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރެއްވިއެވެ.
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމާ ބެހޭގޮތުން ރައީސް ވިދާޅުވީ ފާއިތުވި 60 އަހަރު ޕާކިސްތާނު ދެމިއޮތީ ރާއްޖޭގެ އިތުބާރު ހިފޭ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ. ދެ ގައުމުގެ ގުޅުމުގެ ބަދަހިކަމާއި ދެމިއޮތުން ބިނާވެފައިވަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ އެކުވެރިކަމާއި، ދީނީ އެއްބައިވަންތަކަމާއި، އިލްމީ ގޮތުން ބަދަލުކުރެވޭ ކަންކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ އަޚުވަންތަކަން އައު އުސްމިންތަކަކަށް ވާސިލުވެ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދުގެ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ މުސްތަޤުބަލާ މެދު އޮތް ޔަޤީންކަން އިތުރުވެފައިވާ ކަމަށާއި، މި ގުޅުން އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ކަމުގެ އުޖާލާ އުންމީދެއް އެބައޮތް ކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.