ވ. ތިނަދޫގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން އެދިވަޑައިގެންނެވީ ވ. އަތޮޅު ހިމެނޭ ގޮތަށް 4 އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ތިނަދޫއަށް ވަޑައިގެން ކައުންސިލާއި ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ތިނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެ ރަށު ކައުންސިލުން ވަނީ ރަށުގެ ކަންކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ރަށަށް މި ވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އުމްރާނީ ގޮތުންނާއި، ސިއްހީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ ކަންކަން ފާހަގަކޮށް ޝުކުރު އަދާ ކުރި އެވެ.
ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތައް އަޑުއައްސަވައި ރައީސް ވަނީ، އެކަންކަމުގެ ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ތިނަދޫއަކީ ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ޑޮލަރު އޭޓީއެމްގެ ހިދުމަތް، ރަށުގައި ތައާރަފުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭޓީއެމް ޚިދުމަތްވެސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށު ކައުންސިލާއި، އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު 4 އަތޮޅެއްގެ 31 ރަށަށް ވަޑައިގަންނަވާނެ އެވެ. އެއީ ވ، ފ، މ، އަދި ތ. އަތޮޅެވެ.
ވ. ތިނަދޫ އަށް ވަޑައިގެންނެވުގެ ކުރިން އެމަނިކުފާނު ވަނީ އެ އަތޮޅުގެ ފުލިދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވެސް ބަައްދަލުކުރައްވާފަ އެވެ.