MTCC

ޕާކިސްތާނުގެ ސިއްހީ ދާއިރާގެ މައި އިދާރާތަކަށް މެޑަމް ސާޖިދާ ޒިޔާރަތްކުރައްވައިފި

6

ޕާކިސްތާނުގެ ސިއްހީ ދާއިރާގެ މައި އިދާރާތަކަށް މެޑަމް ސާޖިދާ ޒިޔާރަތްކުރައްވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެ ޤައުމުގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު ދެ މުއައްސަސާއަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި، ފަސްޓް ލޭޑީ ވަނީ އެ ޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެން.އައި.އެޗް) އަދި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވާފައެވެ. އެތަންތަނަށް ވަޑައިގެން، އެ ތަންތަނުގެ ހިންގުމާއި މަސައްކަތްތައް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ކުރެއްވި ޒިޔާރަތުގައި، އެ މަރުކަޒުން ކުރިއަށްގެންދާ ސައިންޓިފިކް ދިރާސާތަކާއި، ވެކްސިން އުފެއްދުމުގެ މަރުޙަލާތަކުގެ އިތުރުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެކަމަނާއަށް މަޢުލޫމާތު އެރުވިއެވެ. 1965 ވަނަ އަހަރު ޤާއިމުކުރެވުނު މިއިދާރާއަކީ ޕާކިސްތާނުގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މައި މަރުކަޒެވެ.

މީގެއިތުރުން، އެ ޤައުމުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައި، ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި ސިއްހީ އާލާތްތަކުގެ ފެންވަރު ކަށަވަރުކުރުމަށް ގެންގުޅޭ އުސޫލުތައް އެކަމަނާ އޮޅުންފިލުއްވިއެވެ. މި ބައްދަލުވުމުގައި، 2012 ވަނަ އަހަރުން ފެށިގެން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަ ޑްރެޕްގެ ފަރާތުން ވަނީ، ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ބޭސް ރެގިއުލޭޓްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެކަމަނާއާ ހިއްސާކޮށްފައެވެ.