ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުން ވިދާޅުވި ފުރިހަމަ މަރުޙަބާއަށާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ޕާކިސްތާނުގެ ޤައުމީ ބަސް ކަމަށްވާ އުރުދޫ ބަހުން އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުންނަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމަށް މިއަދު އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި އެ ޤައުމުގެ ކެބިނެޓް ވަޒީރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުއިއްޒަށް ވަނީ 21 ބަޑީގެ ސަލާމަކާއެކު ޝަރަފުގެ ގާޑެއް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނުގެ ދެކަނބަލުންނަށް ޕާކިސްތާނުގެ ސަރުކާރުންނާއި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި ލޯތްބާއި އޯގާތެރިކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕާކިސްތާނުގެ ރައްޔިތުންގެ ހިތްތަކާ ގުޅުވައިދެއްވަމުން، އުރުދޫ ބަހުން "ހަމް އާޕްކީ ނަވާޒިޝްކޭލިޔޭ ޝުކަރް ގުޒާރިޝްހޭ" (ތިޔަ ދެއްވި ދީލަތި މެހެމާންދާރީއަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން) މިފަދައިން ވިދާޅުވަމުންނެވެ.
ޕާކިސްތާނު ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންގެ ފަރާތުން އަދާކުރި މެހުމާންދާރީއަށް ބޮޑުވަޒީރު ޝަރީފަށް ޝުކުރު އަދާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މެހުމާންދާރީގެ ބަދަލު އަދާކުރުމުގެ ގޮތުން ބޮޑުވަޒީރަށް ދިވެހިރާއްޖެއިން މަރުޙަބާ ދެންނެވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ކަމަށާއި، މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅުގައި، އެ ގުޅުމުގެ ރަމްޒެއްގެ ގޮތުން ބޮޑުވަޒީރުގެ ގެކޮޅުގެ ގޯތިތެރޭގައި ދެ ޤައުމުގެ ވެރިން ވަނީ ގަހެއް އިންދަވައިދެއްވާފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެކި ދާއިރާތަކުން މުހިންމު 20 ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.
ފާއިތުވި 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ މި ފުރަތަމަ ދަތުރުފުޅަކީ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފައިބައިވަޑައިގަތުމުން ވެސް ވައިގެ ބަނދަރުން ވަނީ ވަރަށް ކުލަގަދަ މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.