ރާއްޖޭގެ ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގެ އަގު ނޭނގޭ ގޮތަށް ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ފިހާރަތައް ޗެކްކުރުމުގެ މަސައްކަތް ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ފިހާރަތަކުން މުދާ ގަންނަންދާ އާންމުންނަށް މުދަލުގެ އަގު ސާފުކޮށް ފެންނަން ނުހުންނަ މައްސަލައިގައި ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް ދަނީ ރަސްމީކޮށް ލިބެމުންނެވެ.
މި މައްސަލައާ ގުޅިގެން ވިޔަފާރިވެރިންގެ ސަމާލުކަމަށް މިނިސްޓްރީން ގެނެސްދީފައިވަނީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައިވާ ގޮތުން، ގަންނަ މީހާއަށް އަގު ރަނގަޅަށް ސާފުނުވާ ގޮތަށް އެއްވެސް އެއްޗެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމެވެ.
ޤާނޫނު ބުނާ ގޮތުން މުދަލުގައި އަގު ހުންނަންޖެހޭނީ މައިގަނޑު ދެ އުސޫލަކަށެވެ؛ އެއީ ސީދާ އެ މުދަލެއްގައި އަގު ލިޔެފައި، ޕްރިންޓްކޮށް ނުވަތަ ލޭބަލެއް ހަރުކޮށްފައި ހުރުމެވެ. ނުވަތަ މުދާ ބަހައްޓާފައި ހުރި ހަރުގަނޑުގައި ނަމަވެސް، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ފަސޭހައިން ވަކިކުރަން އެނގޭނެހެން އަގު ބަޔާންކޮށްފައި ބެހެއްޓުމެވެ.
ވިޔަފާރިކުރާ އެންމެހައި ފަރާތްތަކުން ޤާނޫނުގައިވާ މި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި އުސޫލަށް ތަބާވޭތޯ ބެލުމުގެ ގޮތުން ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ވިޔަފާރިތައް އިންސްޕެކްޓްކޮށް، ފާރަވެރިވަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، މި އުސޫލާ ޚިލާފަށް އަގު ނުޖަހައި މުދާ ވިއްކާ ފަރާތްތަކާމެދު، ފިޔަވަޅުތައް ތަންފީޒުކުރަމުން ދާނެ ކަމުގެ އިންޒާރު ސަރުކާރުން މިހާރު ވަނީ ދީފައެވެ.