ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކާއި އީ-ކޮމާސް ވެބްސައިޓްތައް މެދުވެރިކޮށް ވިޔަފާރިކުރުމުގައި ކުރިއަށް އޮތް ތަނުގައި ދަތިތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކުރިމަތިވި ޕްރެޝަރު އެ ބޭންކުން ވަރަށް ހުޝިޔާރުކަމާއެކު މެނޭޖްކޮށްފައިވާ ކަމަށާއި އޮންލައިން މުއާމަލާތްތަކަށް އެޅުނު ހުރަސްތައް ނައްތާލުމަށް ބޭންކުން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ވިޔަފާރިތަކަށް ޓީޓީ ހަދައިދިނުމާއި ބޭރު ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ކުރީގެ އާންމު ހާލަތަށް ގެނައުމަށް ބީއެމްއެލް އިން އަންނަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ކުރިން ދިމާވި ފަދަ ތާށިކަމެއް ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ބޭންކުން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ބެންކް އޮފް މޯލްޑިވްސް އިން ވިދާޅުވި ގޮތުގައި ކުރިން އެ ދިމާވި މައްސަލަތަކެއް ދެން ދިމައެއް ނުވާނެ، މިހާރު އެބޭފުޅުން ޓީޓީ ހަދާ ދިނުމުގައި ވެސް ބޭރުފައިސާ ދޫކުރުމުގައިވެސް ހާލަތު ބަދަލުވެ ކުރީގެ ހާލަތަށް ރުޖޫއަ ވާން އެދަނީ މަސައްކަތް ކުރަމުން ވަރަށް ބާރަށް، އެހާލަތު އެދަނީ ބަދަލުވަމުން،" ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދަށް ޑޮލަރުގެ ދަތިކަން ކުރިމަތިވާން މެދުވެރިވި ސަބަބު ހާމަކުރައްވަމުން ސައީދު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރުން ދައްކަން ޖެހުމަކީ މީގެ މައިގަނޑު ސަބަބު ކަމަށެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ގައުމަށް އާމްދަނީއެއް ނުލިބޭ އަދި އިގްތިސޯދީ ފައިދާއެއް ނެތް ކަންކަމަށް ނަގާފައިވާ ލޯނުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިގްތިސޯދީ ގޮތުން ނަފާއެއް ނުލިބޭ ލޯނުތައް ދައްކަން ޖެހުމުން ބޭރު ފައިސާގެ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައި ވީނަމަވެސް، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދިމާވާ މިފަދަ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ.