MTCC

އުފެއްދުންތެރިކަމުގެ މައުރަޒު: މިފަހަރު 780 އެގްޒިބިޓަރުން ބައިވެރިވޭ

138366_3_43defe55b4c597b517c867ea4deb3ede42e84947_large-1024x661

އުފެއްދުންތެރިކަމުގެ މައުރަޒު: މިފަހަރު 780 އެގްޒިބިޓަރުން ބައިވެރިވޭ

SHARE

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނޭހެން 780 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މައުރަޒަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިވި މި މައުރަޒުގައި މިއަހަރު ބައިވެރިވި މީހުންގެ ނިސްބަތް 225 އިންސައްތަ އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިދިޔަ އަހަރު 2،400 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު އެ އަދަދު ދެގުނަ އިތުރުވެ 4،800 އުފެއްދުމަށް އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މުޅި އެކްސްޕޯވެސް ޓްރެންޑް އައުޓްވާނެ މިދިޔަ އަހަރާ އަޅާބަލާއިރު، އެއީ ކުރިން ދެންނެވިހެން 240 ބައިވެރިންގެ ބަދަލުގައި އެއީ މިދިޔަ އަހަރު، މިއަހަރު މިއުޅެނީ 780 ބައިވެރިން. މިއީ ވަރަށް ބައިވަރު، ބޮޑު އަދަދެއް އިތުރުވެފަ މިއިނީ." ސައީދު ވިދާޅުވިއެވެ.

މިއަހަރުގެ މައުރަޒު ފަރުމާކޮށްފައިވަނީ އިތުރު ފުރިހަމަކަމަކާއި ޝައުގުވެރިކަމާއެކުގައެވެ. ސައީދު ފާހަގަކުރެއްވި ގޮތުގައި ކުރީ އަހަރު ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ނަމަވެސް، މިއަހަރުގެ މައުރަޒު ހަތް ޑިސްޓްރިކްޓަކަށް ވަނީ ފުޅާކޮށްފައެވެ. އަލަށް ތައާރަފުކުރި ދެ ދާއިރާއަކީ "ވިޒިޓަރ އިކޮނޮމީ" އަދި ބައިނަލްއަގްވާމީ ފަރާތްތަކަށް ހާއްސަ ދާއިރާއެވެ.

ސައީދު ވިދާޅުވީ ވިޒިޓަރ އިކޮނޮމީގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރުވާ 10 ރަށަކުން މިހާރުވެސް ބައިވެރިވެފައިވާ ކަމަށާއި ބައިނަލްއަގްވާމީ ދާއިރާއިން ޗައިނާ، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވިޔަފާރިތަކުން ބައިވެރިވާނެ ކަމަށެވެ.

މި މައުރަޒުގައި ވާދަކުރުމުގެ ބައިވެސް ހިމެނޭހެން 1،000 އަށްވުރެ ގިނަ ވިޔަފާރިތަކުގެ އުފެއްދުންތައް ފެނިގެންދާނެއެވެ. ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މައުރަޒުގައި ދީނީ، ޓެކްނޮލޮޖީ އަދި ބައިނަލްއަގްވާމީ ދާއިރާތައް ހިމެނެއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ކުންފުނިތަކާއި، ކައުންސިލްތަކާއި، ތައުލީމީ އިދާރާތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއަރުވައި، ވިޔަފާރިތަކަށް މާކެޓް ފަހިކޮށްދިނުމުގެ އިތުރުން އާ އީޖާދުތަކަށް ޖާގަދިނުމުގެ ބޭނުމުގައި ބާއްވާ މި މައުރަޒު ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.