MTCC

9 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

ebdee61c5ad4b074cb8d935194eb930c-876x439

9 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

SHARE

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ފައިސާތައް އަތުލައިގަނެފައިވަނީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ އިންޑިއާގެ ރައްޔިތެއްގެ އަތުންނެވެ. އޭނާ ފުރަން ދިޔައީ ކަސްޓަމްސްއަށް ޑިކްލެއާ ކުރަންޖެހޭ މިންވަރަށް ފައިސާ ހުރިކަން ނާންގައެވެ.

އެ ފަސިންޖަރުގެ އަތުން ފެނުނު އެކި ގައުމުތަކުގެ ފައިސާގެ ޖުމްލަ އަގު 905،669.80 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. ނަމަވެސް، މި މައްސަލައިގައި އަތުލައިގަތް ވަކިވަކި ފައިސާގެ ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ މީހުން ހޯދައި، އެފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، އެއާޕޯޓް މަގުން ބޭރު ފައިސާ ވަގަށް ބޭރުކުރަން އުޅޭ މައްސަލަތައް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ވެސް ސީރިއަލް ޕެކެޓުތަކެއްގައި ރައްކާކޮށްގެން ބަންގްލަދޭޝަށް ފުރަން އުޅުނު އެ ގައުމުގެ ހަ މީހެއްގެ އަތުން 3.86 މިލިއަން ރުފިޔާއަށް ވާ ބޭރު ފައިސާ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ވަނީ އަތުލައިގެންފައެވެ. އެ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވާއިރު، އޭގެ ތެރޭގައި އެމެރިކާ ޑޮލަރާއި ޔޫރޯ އަދި ޕައުންޑް ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރު ފައިސާ ބޭރުކުރުން ހުއްޓުވުމަށް ޓަކައި، އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކޮށް، ފާސްކުރުމުގެ ކަންކަން ކަސްޓަމްސް އިން މިހާރު ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައެވެ.