މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިނގި ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 2.86 ބިލިއަން އެމެރިކާ ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ގައުމީ ބޭންކުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި ފައިސާ ބޭރަށް ފޮނުވާފައިވަނީ ޖުމްލަ 373,600 އަށް ވުރެ ގިނަ ރެމިޓަންސް މުއާމަލާތްތަކުގެ ތެރެއިންނެވެ. މީގެއިތުރުން، އެކި ކަންކަމުގައި ކަސްޓަމަރުންނަށް ބޭނުންވި ބޭރު ފައިސާ ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރުގެ ރޭޓުން މި މުއްދަތުގައި ޖުމްލަ 722 މިލިއަން ޑޮލަރު ބީއެމްއެލްއިން ވަނީ ދޫކޮށްފައެވެ. މި އަދަދަކީ ވޭތުވެދިޔަ 2023 ވަނަ މުޅި އަހަރު އެ ބޭންކުން ދޫކުރި 733 މިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ ބޮޑު މިންވަރެކެވެ.
ބޭންކަށް ބޭރު ފައިސާ ވަން މިންވަރަށް ބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ރެމިޓަންސް އަދި ކާޑު މެދުވެރިކޮށް ހިންގި މުއާމަލާތްތަކުން 2.96 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް، ފާއިތުވި ސެޕްޓެމްބަރު މަހު ބޭންކަށް ވަން ބޭރު ފައިސާގެ އަދަދު ވަނީ 240 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެއް ކަމަށްވާއިރު، މި އަހަރުގެ އާންމު އެވްރެޖަށް ވުރެ 27 އިންސައްތަ ދަށް އަދަދެކެވެ.
އާންމު ގޮތެއްގައި ސެޕްޓެމްބަރު މަހަކީ ބޭރު ގައުމުތަކުގައި ކިޔަވާ ކުދިންގެ އާ ތައުލީމީ އަހަރު ފެށޭ ދުވަސްވަރު ކަމަށްވާތީ، އެ މަހަކީ ޑޮލަރުގެ ޑިމާންޑް އެންމެ އުފުލޭ ދުވަސްވަރެވެ. އެގޮތުން، ވޭތުވެދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ދަރިވަރުންގެ ތައުލީމީ ހަރަދުތަކަށް 8.2 މިލިއަން ޑޮލަރު ބޭންކުން ދޫކޮށްފައިވެއެވެ. މިއީ އާންމު މަހަކާ އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ.
ޑޮލަރު ލިބުމަށް ހުރި ދަތިތަކާއެކު ފައިސާގެ ދައުރުވުން ހަމަހަމަކޮށް ބެލެހެއްޓުމަށްޓަކައި، މިދިޔަ މަހުން ފެށިގެން އޭޓީއެމްތަކުން މަހަކު ނެގޭނެ އެންމެ މަތީ އަދަދަކީ 3،500 ޑޮލަރު ކަމަށް ބީއެމްއެލްއިން ވަނީ ކަނޑައަޅައި ލިމިޓްކޮށްފައެވެ.
ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކަށް ބޭންކުން ޑޮލަރު ދޫކުރި ގޮތުގެ ތަފްސީލު:
- ކާޑު މުއާމަލާތްތަކަށް: 336 މިލިއަން ޑޮލަރު (މީގެ 62 އިންސައްތަ ނުވަތަ 208 މިލިއަން ޑޮލަރަކީ އޮންލައިން ވިޔަފާރި)
- ޓީޓީ މެދުވެރިކޮށް: 224 މިލިއަން ޑޮލަރު
ދަތުރުފަތުރުގެ ނަގުދު ފައިސާއަށް: 86 މިލިއަން ޑޮލަރު (މީގެ ތެރޭގައި ހައްޖާއި އުމްރާގެ - ދަތުރުތަކަށް ދޫކުރި 5.8 މިލިއަން ޑޮލަރު ހިމެނޭ)
- ކިޔެވުމުގެ ހަރަދުތަކަށް: 40 މިލިއަން ޑޮލަރު (މަހަކު އެވްރެޖްކޮށް 4.4 މިލިއަން ޑޮލަރު)
- ސިއްހީ ފަރުވާއަށް: 33 މިލިއަން ޑޮލަރު
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުން ޑޮލަރު ގަތުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް އުފުލިފައިވުމާއި، ރާއްޖޭގެ އެތެރޭގައި ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން ބޭންކުގެ ރިޒާވް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހުއްޓުމެއްނެތި ފޯރުކޮށްދިނުމުގައި ގައުމީ ބޭންކުން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.