MTCC

ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހިންނަށް ލިބޭނެ، އިންވެސްޓްވެސް ކުރެވޭނެ: އަލްއައްބާރު

Mohamed-Alabbar

ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހިންނަށް ލިބޭނެ، އިންވެސްޓްވެސް ކުރެވޭނެ: އަލްއައްބާރު

SHARE

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ، ރަސްމާލޭގެ 'މޯލްޑިވްސް ވޯޓަރ-ފްރަންޓް އެންޑް މެރީނާ' މަޝްރޫއުން ދިވެހި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް، މި މަޝްރޫއު ތަރައްޤީކުރާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޢަލީ އަލައްބާރު ވިދާޅުވެއްޖެއެވެ.

މިއަދު ފޭދޫފިނޮޅު ރިސޯޓުގައި ނޫސްވެރިންނާއި، ދިވެހި ވިޔަފާރިވެރިން އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއެކު ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލައްބާރު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ބޭރުގެ އިންވެސްޓަރެއްގެ ގޮތުގައި އައިސް ހުރިހާ ފައިދާއެއް ހޯދައިގެން ދިއުން ނޫން ކަމަށެވެ. އަދި އޭނާއަކީ މުސްލިމަކަށް ވީހިނދު، މުސްލިމް އެހެން ޤައުމެއްގައި މަސައްކަތްކުރާއިރު އެ ޤައުމެއްގެ ރައްޔިތުންނަށް އޭގެ ހަޤީޤީ މަންފާ ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލައްބާރު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ކުރިއަށްގެންދާއިރު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެ ޤައުމެއްގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށެވެ. އެގޮތުން ރަސްމާލޭގެ މަޝްރޫޢުގައި ވެސް ކޮންޓްރެކްޓަރުންނާއި، މުދާ ސަޕްލައިކުރާ ފަރާތްތަކާއި އަދި ލޮޖިސްޓިކްސް މަސައްކަތްތަކުގައި ހަރަކާތްތެރިވާނީ ދިވެހި ކުންފުނިތައް ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ދެއްވިއެވެ.

"މި މަޝްރޫޢުގައި ކޮންޓްރެކްޓަރުންނަށް ތިބޭނީ ދިވެހިން. އަޅުގަނޑުމެން އެއްވެސް މުދަލެއް އަމިއްލައަށް ގަނެގެން ގެންނާކަށް ނުވިސްނަން. ރާއްޖޭގެ ސަޕްލަޔަރުން މެދުވެރިކޮށް މުދާ ގެންނާނީ. އަދި ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދާނީ،" އަލައްބާރު ވިދާޅުވިއެވެ.

މީގެއިތުރުން، ސޫރިޔާގައި ކުރިއަށްގެންދާ މަޝްރޫޢުގައިވެސް އެ ޤައުމުގެ ވިޔަފާރިވެރިންނަށް ފުރުސަތު ދީފައިވާ ފަދައިން، ރާއްޖޭގެ މަޝްރޫއުގައިވެސް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އަލައްބާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ރައުސުލްމާލު ހޯދުމުގެ ޤާބިލުކަން އީގަލް ހިލްސްގައި ހުރި ނަމަވެސް، ދިވެހިންނަށް ފުރުސަތު ހުޅުވާލަނީ މި ބޮޑު އިންވެސްޓްމަންޓުގެ ފައިދާ ސީދާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ ބޭނުމުގައެވެ.

ޒުވާނުން ބިނާކުރުމަށް އަލިއަޅުއްވާލައްވަމުން އަލައްބާރު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ދާއިރާތަކުން ދިވެހި ޒުވާނުންނަށް ހުނަރާއި ތަޖުރިބާ ހޯދައިދީ، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ސަރުކާރުގެ ހިއްސާ ފުރިހަމައަށް އަދާކުރުމާއެކު، ތިމާވެށި ޙިމާޔަތްކުރުމަށް އެންމެ އިސްކަންދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅުން ހިއްކާ ރަސްމާލޭގައި ތަރައްޤީކުރާ މި ބިޔަ މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި، މަތީ ފަންތީގެ ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ހިމެނޭ މި މަޝްރޫއުގެ ސަބަބުން، ރާއްޖޭގެ އިޤްތިސާދަށް ބޭރުގެ އިންވެސްޓްމަންޓްތައް ވަދެ، 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ.