MTCC

އުރަމަތީ ކެންސަރަށް ފަރުވާ ހޯދުމުގައި ފަސްނުޖެހުމަށް ފަސްޓް ލޭޑީގެ އިލްތިމާސް

Screenshot 2026-10-08 111219

އުރަމަތީ ކެންސަރަށް ފަރުވާ ހޯދުމުގައި ފަސްނުޖެހުމަށް ފަސްޓް ލޭޑީގެ އިލްތިމާސް

SHARE

އުރަމަތީގެ ކެންސަރު ކުރީކޮޅު ދެނެގަތުމަށްޓަކައި ޓެސްޓުތައް ހެދުމަށް އަންހެނުންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެ ފަރާތްތަކަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ ފަދަ ތައްޔާރީ ހާލަތެއްގައި ރާއްޖޭގެ ސިއްހީ ނިޒާމު އޮންނަންޖެހޭ ކަމަށާއި އުރަަމަތީ ކެންސަރަށް ފަރުވާ ހޯދުމުގައި ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

7 ވަނަ "ބްރެސްޓް ކެންސަރ އެވެއާނެސް ސިމްޕޯސިއަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ފަރުވާ ދިނުމުން ފެށޭ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެކަން ފެށެނީ ހޭލުންތެރިކަން އުފެދި، އަމިއްލަ ހަށިގަނޑުން ފެންނަ ކުދިކުދި ބަދަލުތަކަށް ސަމާލުވެ، ޑޮކްޓަރީ އެހީތެރިކަން ހޯދަން ކެރުމުން ކަމަށެވެ. އަދި އުރަމަތީ ކެންސަރު ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް އަވަހަށް ފަރުވާ ހޯދުމަށާއި ފަރުވާ ހޯދުމުގައި ފަސްނުޖެހުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

""އަންހެނުން ސްކްރީން ކުރަން ކުރިއަށް ނުކުތުމަށް ހިތްވަރު ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާގެ އެއްބައި. އެކަނބަލުން އެ ފިޔަވަޅު އަޅާއިރު، އަޅުގަނޑުމެންގެ ޞިއްހީ ނިޒާމު އޮންނަންވާނީ އެކަމަށް ފުރިހަމައަށް އިޖާބަދޭން ތައްޔާރުވެފައި. ފެންވަރު ރަނގަޅު މެމޯގްރަފީ، އަލްޓްރާސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީއަކީ ސީދާ ދެނެގަތުމަކަށް ވާސިލުވުމަށް ކޮންމެހެން ބޭނުންތެރި ޚިދުމަތްތަކެއް." މެޑަމް ވިދާޅުވިއެވެ.

ކެންސަރު ދެނެގަތުމަކީ ހަމައެކަނި ޖިސްމާނީ ކަމެއް ނޫންކަމާއި، އޭގެ ސަބަބުން ބަލިމީހާއަށާއި މުޅި އާއިލާއަށް ނަފްސާނީ ބޮޑު ބުރައެއް އުފުލަންޖެހޭކަން ފާހަގަކުރައްވައި، ޞިއްޙީ ފަރުވާގެ އިތުރުން ލޯތްބާއި، އޯގާތެރިކަމާއި އަޅާލުން ދިނުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ޚާއްޞަކޮށް ޑޮކްޓަރަށް ދެއްކުމަށް އަންހެނުން ފަސްޖެހޭ ހިނދު، އާއިލާއާއި ރަހުމަތްތެރިން އެކަމަށް ބާރުއަޅައި އެހީތެރިވެދިނުމަކީ ފުރާނައެއް ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

"ބިރުވެރިކަމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުން ފަސްނުކުރައްވާށެވެ. ބަލި އަވަހަށް ދެނެގަތުމަކީ ބިރުގަންނަންވީ ކަމެއް ނޫނެވެ. އެއީ އުންމީދެކެވެ. ރަނގަޅު ފަރުވާ ލިބި، އާއިލާއާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ރުޖޫޢަވުމަށް އޮތް ފުރުސަތެކެވެ،" މެޑަމް ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމަކީ ބަލީގެ ކުރީކޮޅު ފާހަގަކުރުމަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ވަސީލަތްތަކުގެ ފުރިހަމަ ފައިދާ ލިބޭނީ އެ ވަސީލަތްތައް ބޭނުންކޮށް، ނަތީޖާ ދެނެގަނެ، ބަލިމީހާއަށް ފަރުވާ ދިނުމުގައި ޤާބިލު، ހުނަރުވެރި ޞިއްޙީ މާހިރުން ތިބެގެން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުން ކަނޑުތަކުން ރަށްތައް ވަކިވެފައި އޮތް ނަމަވެސް، އެއީ ޞިއްހީ ޚިދުމަތް ހޯދުމަށް އެޅޭ ހުރަހަކަށް ވެގެންނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ބަލި ދެނެގަތުމާއި ފަރުވާ ދިނުން ލަސްވުމަށް ޖިއޮގްރަފީ ސަބަބަކަށް ނުވާނެ ފަދަ ގޮތަކަށް، ރަށްރަށުން މާލެއަށް ނުވަތަ ޚާއްސަ ފަރުވާ ދޭ މަރުކަޒުތަކަށް ބަލިމީހުން ފޮނުވޭނެ ހަރުދަނާ "ރެފަރަލް ނިޒާމެއް" ޤާއިމުކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްޔާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ރޭޑިއޮލޮޖިސްޓުން އަދި އެންމެހައި ޞިއްޙީ ޚިދުމަތްތެރިންގެ އިޚްލާޞްތެރި މަސައްކަތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ބަލީގައި ނިޔާވި ފަރާތްތަކުގެ ހަނދާން އައުކުރައްވައި، މިހާރު ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދި ފަސްޓް ލޭޑީ ވަނީ ދުއާކުރައްވާފައެވެ.

މި އަހަރުގެ މި ސިމްޕޯސިއަމް ކުރިއަށްދަނީ "ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ: އޮޕްޓިމައިޒިންގ ބްރެސްޓް ކެންސަރ ކެއަރ" ގެ ޝިއާރުގެ ދަށުންނެވެ.