ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު އެއް ވިއުގައަކުން ދައުލަތުގެ މާލީ އިދާރާތަކާ ގުޅުވައިދޭ ޚާއްސަ ޑިޖިޓަލް ނިޒާމު، "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" (އެމްޖީއައިއެސް) ވެގެންދާނީ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތަކަށް ލިބޭނެ ބޮޑު ލުޔަކަށް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމަށްވުމުން، އެ ދާއިރާގެ މަޢުލޫމާތަކީ ދައުލަތުގެ ގިނަ މުއައްސަސާތަކަކުން ބޭނުންކުރާ އެއްޗެއް ކަމަށެވެ. އެހެންކަމުން މިއަދު ތަޢާރަފުކުރެވުނު މަރުކަޒީ ނިޒާމުގެ ސަބަބުން ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ "މޯލްޑިވްސް 2.0″ ޑިޖިޓަލް ތަޞައްވުރުގެ ދަށުން މިއީ ޙާޞިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. އަދި މީރާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕްގައި ހިމެނޭ ރިޕޯޓިންގ އޮޓޮމޭޓްކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައިރު، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން މީރާ އަބަދުވެސް އެންމެ ކުރީ ސަފުގައި އޮތުމަށާއި، ރައްޔިތުންނަށް ފަސޭހަ ޓެކްސް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގައި ދެމިތިބުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، އަމިއްލަ ޕްރޮޕަޓީ މެނޭޖްމަންޓް ސިސްޓަމްތައް ބޭނުންނުކުރާ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ މައުލޫމާތު ބެލެހެއްޓުމުގައި މި ޕްލެޓްފޯމަކީ ބޮޑު އެހީތެރިކަމަކަށް ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ މި ނިޒާމު ކުރު މުއްދަތެއްގައި ޤާއިމުކުރުމަށް އެހީތެރިވެދެއްވި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް) އަޙުމަދު ފަސީޙަށާއި، މި ވިއުގަ ފަރުމާކުރި މީރާގެ ފަންނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ނިޒާމު ތަޢާރަފުވުމާއެކު، ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ފަތުރުވެރިންގެ މަޢުލޫމާތު އެމްޖީއައިއެސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި ސިސްޓަމުން މަޢުލޫމާތު އަދާހަމަކުރުމުން، ޓޫރިޒަމް މިނިސްޓްރީއާވެސް މަޢުލޫމާތު ޙިއްޞާކުރެވިގެންދާނެއެވެ. އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ ގެސްޓް މެނޭޖްމެންޓް ސިސްޓަމްތަކާ މި ނިޒާމު ގުޅާލުމުން، މެނުއަލްކޮށް މަޢުލޫމާތު ހުށަހަޅަންޖެހޭ ދަތިކަން ހައްލުވެގެންދާނެއެވެ.
ފަތުރުވެރިން ރާއްޖެ އެތެރެވީއްސުރެ ފުރައިގެން ދިއުމާ ހަމައަށް އެއް ވިއުގައަކުން މަޢުލޫމާތު ބެލެހެއްޓޭނެ މި ނިޒާމު، ކުރިމަގުގައި އިމިގްރޭޝަންގެ "އިމުގަ" ޕޯޓަލްއާ ވެސް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.