ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން މަސައްކަތްކުރި 8.5 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ އާދީއްތަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްޗެހިތަކެއް ހުރިކަމަށް ޝައްކުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.
މި ސިނގިރޭޓްތައް ފެނިފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އަދި އެ ޝިޕްމަންޓްގެ ތެރޭގައި ސިއްރުން ފޮރުވައިގެން ގެނައި ޖުމްލަ 8،527،480 ސިނގިރޭޓް ސްޓިކް ފެނިފައިވާ ކަމަށާއި، މިހާރު އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން މިހާރު ދަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.