ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކާއި އައު އީޖާދުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާއިން އިސްނަގައިގެން، މި ސިނާއަތުގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރައީސް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދާއި ގައުމީ ތަރައްގީގެ މައި ތަނބު ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް މި ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުންނާއި އާންމު ރައްޔިތުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ދުނިޔެއަށް އަންނަމުންދާ ކުރިއެރުންތަކާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދެއެވެ. އެހެންކަމުން، މި ބަދަލުތަކަށް އަހުލުވެރިވެ، ދުނިޔޭގެ ވާދަވެރި މާކެޓުގެ އެންމެ ކުރީ ސަފުގައި ރާއްޖެ ދެމިއޮތުމަށްޓަކައި އައު ވިސްނުންތަކާއި ޓެކްނޮލޮޖީ ބަލައިގަތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ފަތުރުވެރިންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލެއްވީ، ރާއްޖޭގެ ގުދުރަތީ ވެއްޓާއި، ސަގާފީ މުއްސަނދިކަމުގެ އިތުރުން ދިވެހިންގެ ރީތި މެހެމާންދާރީގެ އަގުތައް ހިފަހައްޓަމުން، ޑިޖިޓަލް ޒަމާނުގެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހައި ހިއްސާދާރުންނަށް ބާރުއަޅުއްވަމުންނެވެ.